ޕޯޗުގަލް ހިއްސާވެގެން ބާއްވާ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުޅޭއިރު އެ ގައުމުގެ މިހާރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް 45 އަހަރުވާނެ އެވެ. މި އުމުރުގައި އޭނާ އެ މުބާރާތުން ނުފެންނާނެ ކަމަށް ގިނަ ބަޔަކު ޔަގީން ކުރެ އެވެ. އެއީ މީގެ ކުރިން މިހާ ދޮށީ އުމުރެއްގައި ކުޅުންތެރިއަކު އެފަދަ އަމާޒަކަށް ވާސިލްވާން ނޫޅޭތީ އެވެ.
ނަމަވެސް އުމުރުން މިހާރު 41 އަހަރުގެ ރޮނާލްޑޯ އަކީ ތަފާތު ކުޅުންތެރިއެކެވެ. މިކަން ފާހަގަ ކުރީ އޭނާގެ ކޯޗު ރޮބާޓޯ މާޓިނޭޒެވެ. ވޯލްޑް ކަޕަށް ޕޯޗުގަލް ތައްޔާރުވާން ފެށުމުގެ ގޮތުން ވާހަކަ ދައްކަމުން މާޓިނޭޒް ތައުރީފް އޮއްސާލީ ރޮނާލްޑޯ އަށެވެ.
"ކާކަށް އެނގޭނީ އޭނާ 2030ގެ ވޯލްޑް ކަޕް ނުކުޅޭނެ ކަމެއް. އެއީ ހަމަ ވެދާނެ ކަމެއް. އޭނާ އެ ޖާގަ ހޯދަފާނެ،" މާޓިނޭޒް ބުންޏެވެ.
ގަވާއިދުން ކަސްރަތުކޮށް، ކެއިން ބުއިން ތަރުތީބުކޮށް، ހަށިގަނޑުގެ މިންހަމަ ވަކި ގޮތަކަށް ބަހައްޓައި އަބަދުވެސް ފިޓްކޮށް ހުންނަ ރޮނާލްޑޯ އަކީ އަދިވެސް ބަލާބެލުމަށް ނޫކަށި ފުރައިގެ ކުއްޖެކެވެ. އަދި އޭނާގެ މަސައްކަތުގެ ރޭޓް ވެސް ޒުވާން ކުޅުންތެރިންނަށް ދުލެއް ނުދެ އެވެ.
"އަހަރެން ދެކެފިން ވަރަށް މޮޅު ކުޅުންތެރިން. ބަލޮންޑޯ ނުވަތަ ޗެމްޕިއަންސް ލީގު ހޯދާފައި އެ މީހުން ޖެހިގެން އަންނަ ދުވަހު މުޅިން ތާފަތު ބަޔަށްވެދޭ. އެކަމަކު ރޮނާލްޑޯ ތަފާތު. އޭނާ އަބަދުވެސް މަސައްކަތް ކުރަނީ މޮޅުވާން. އިތުރަށް ކުރިއަރަން. ފިޓްކޮށް ހުންނަން. މިހެންވީމާ އޭނާއަކީ އެހެން ކުޅުންތެރިންނާ ވަރަށް ތަފާތު މީހެއް. އޭނާގެ ޑެޑިކޭޝަން އަކީ އޭނާ އަށް ކާމިޔާބު ލިބުމަށް މެދުވެރިވެދޭ އެންމެ މުހިންމު ސަބަބު. އަހަރެން ހައިރާނެއް ނުވާނެ އޭނާ 2030ގެ ވޯލްޑް ކަޕް ކުޅުމަކުން،" މާޓިނޭޒް ބުންޏެވެ.
2003 ވަނަ އަހަރު ޕޯޗުގަލް އަށް ކުޅެން ފެށި ރޮނާލްޑޯ އަކީ ގައުމީ ޓީމަކަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ޕޯޗުގަލް އަށް 226 މެޗު ކުޅެދީ 143 ގޯލު ޖަހައިފަ އެވެ. އަދި ގައުމީ ޓީމަށް 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކޮށްދީ ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.
މާޓިނޭޒް މިހެން ބުނި ނަމަވެސް މީގެ ހައެއްކަ މަސް ކުރިން ރޮނާލްޑޯ ބުނީ އޭނާ ވަރަށް އަވަހަށް ކުޅުން ހުއްޓާލާނެ ކަމަށާއި މިއީ އޭނާގެ ފަހު ވޯލްޑް ކަޕަށްވުން ގާތް ކަމަށެވެ. ނަމަވެސް ޕޯޗުގަލްގެ މީޑިއާތަކުން ބުނަނީ ރޮނާލްޑޯ އޭނާގެ 15 އަހަރުގެ ދަރިފުޅު ރޮނާލްޑޯ ޖޫނިއާއާއެކު ގައުމީ ޓީމަށް ކުޅެން މިހާރު އުއްމީދު ކުރާ ކަމަށެވެ.