ޚަބަރު

މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް މިއަހަރު ހުޅުވަނީ


  • މިރިސޯޓުތަކާއެކު ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެ

  • ބެޑް ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުވާނެ

ބައިނަލްއަގުވާމީ ގިނަ ލަގްޒަރީ ބްރޭންޑުގެ ރިސޯޓުތަކެއް މިއަހަރުވެސް ރާއްޖޭގައި ހުޅުވުމަށް ތައްޔާރުވަމުންދާކަން ހާމަވެއްޖެއެވެ. މި އައު ރިސޯޓުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މިދާއިރާގެ މާހިރުން ވިދާޅުވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކަށް ބަލާއިރު، މިއަހަރަކީ ރާއްޖޭގައި ގިނަ އަދަދަކަށް އައު ރިސޯޓު ހުޅުވި އޭގެ ސަބަބުން ގިނަ އެނދުތަކެއް މި ސިނާޢަތަށް އިތުރުވާނެ އަހަރެކެވެ.

އެގޮތުން މިއަަހަރުގެ މިހާތަނަށް ލަގްޒަރީ ބްރޭންޑްތައްކަމަށްވާ ކަމަށްވާ މެލިއާ ވޭލް ލެގޫން މޯލްޑިވްސް އަދި ރަށް ގިލި މޯލްޑިވްސް ވަނީ ފަތުރުވެރިންނަށް ހުޅުވާފައެވެ. އަދި އިތުރު 6 ރިސޯޓެއް ހުޅުވުމަށް ނަން މަޝްހޫރު އެކި ލަގްޒަރީ ބްރޭންޑުތަކުން އަންނަނީ ތައްޔާރުވަމުންނެވެ.

މިއަހަރު ހުޅުވުމަށް ތައްޔާރުވަމުން އަންނަ ބައެއް ރިސޯޓުތައް:

* ބުލްގާރީ ރިސޯޓު ރަންފުށި
* މަންޑަރިން އޮރިއެންޓަލް ބޮލިދުއްފަރު ރީފް ރިސޯޓު
* މޮންޑޯރިއަން މޯލްޑިވްސް
* ދޮން މާގަ މޯލްޑިވްސް
* ވާގަލި މޯލްޑިވްސް، ވިނެޓް ކަލެކްޝަން
* އޯރާ މޯލްޑިވްސް

މިހިނގާ 2026ވަނަ އަހަރު ގިނަ ބްރޭންޑުތަކެއްގެ ރިސޯޓުތައް ހުޅުވުމަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް އަހަރުވެސް ގިނަ ރިސޯޓުތައް ރާއްޖޭގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

2027ވަނަ އަހަރު ހުޅުވުމަށް ތައްޔާރުވަމުން އަންނަ ބައެއް ރިސޯޓުތައް:

* ރޯޒްވުޑް ރަންފަރު
* ހަޔަޓް ރީޖެންސީ ސަމަރަފުށި މޯލްޑިވްސް
* ކަޕެލާ މޯލްޑިވްސް
* ބައްކަރަތް ހޮޓެލް އެންޑް ރެސިޑެންސެސް މޯލްޑިވްސް

މި އައު ރިސޯޓުތަކަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ޒަމާނީ ވަސީލަތްތައް އެކުލެވޭ ގޮތަށް ފަރުމާކުރެވިފައިވާ ތަންތަނެވެ. މީގެ ތެރެއިން ބައެއް ބްރޭންޑްތަކަކީ މުޅިން އަލަށް ރާއްޖޭގެ މާކެޓަށް ތަޢާރަފްވާ ބްރޭންޑްތަކެއްކަން ފާހަގަކޮށްލެވެއެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަަށް ރާއްޖެއަށް މުޅި ޖުމުލަ 941,182 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މީގެ ތެރެއިން 71 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ މުޅި ޖުމުލަ 654,206 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތަަކަށް ބަލާއިރު، ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ޖުމްލަ އަދަދު ވަނީ 179އަށް އަރާފައެވެ. މިއާއެކު މިހާރު ރިސޯޓުތަކުގައި ހުރި ޖުމުލަ އެނދުގެ އަދަދު ވަނީ، 44,977އަށް އިތުރުވެފައެވެ. މި ރިސޯޓުތައް ހުޅުވުމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުގެ ކެޕޭސިޓީއަށް ބޮޑު އިތުރުވުމެއް އަންނާނެއެވެ.

ރާއްޖެއަށް މިދިޔަ އަހަރު ޒިޔާރަތް ކުރި ފަތުރުވެރިން ވަނީ، 5.4 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ. މިއީ، އަހަރެއްގެ ތެރޭގައި ރެކޯޑު އަދަދަކަށް ފަތުރުވެރިން ފައިސާ ހޭދަކުރި އަހަރެވެ. 2025 ވަނަ އަހަރު ފަތުރުވެރިން ހޭދަކުރި 5.4 ބިލިޔަން ޑޮލަރަކީ، އޭގެ ކުރީ އަހަރާ އަޅާބަލާއިރު %15.8ގެ އިތުރުވުމެކެވެ.