ޚަބަރު

"ސްކައުޓް ހަރަކާތަކީ އެއްބައިވަންތަކަމުގެ ފާލަމަކުން ގުޅުވައިދޭ ބާރެއް"


  • ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ވަނީ ފުރިފައި

  • ސްކައުޓް ހަރަކާތަކީ، އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ ހަރަކާތެއް

ރާއްޖޭގެ އުތުރުން ދެކުނަށް ބަލާލިކަމުގައިވިޔަސް ސްކައުޓް ހަރަކާތަކީ، މި ޖަޒީރާ ރަށްތަކުގެ މެދުގައި ޖޯގުރަފީ ގޮތުން އޮންނަ ދުރުމިން ކައިރިކޮށް، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ދިވެހި ޒުވާނުން ގުޅުވައިދޭ ބާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ރަސްމީކޮށް ސްކައުޓް ހަރަކާތް ފެށުނުތާ މިއަދު 70 އަހަރު ފުރުމުގެ މުނާސަބަތުގައި، ރާއްޖޭގައި ސްކައުޓް ހަރަކާތް ތަރައްޤީ ކުރައްވައި، ކުރިއަށް ގެންދެވުމަށް މަސައްކަތްޕުޅު ކުރެއްވި އަދި މިހާރުވެސް އެ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ އެންމެހައި ބޭފުޅުންގެ މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރައްވާ، އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ސްކައުޓް ހަރަކާތަކީ، އެކަކު އަނެކަކަށް އަޅައިލައި އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ ހަރަކާތެއްކަން ފާހަގަކުރައްވާ، މި ހަރަކާތުން ރަމްޒުކޮށްދެނީ ނަފްސު އިސްލާހުކުރުމާއި، ރިވެތި އަޚްލާޤުގެ ބިންގަލުގެ މަތީގައި އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޒިންމާދާރު ޖީލެއް ބޮޑުވަމުންދާ އަދި ޢަމަލީ ތަރުބިއްޔަތުގެ މައިދާނެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އުތުރުން ދެކުނަށް ބަލާލިކަމުގައިވިޔަސް ސްކައުޓް ހަރަކާތަކީ، މި ޖަޒީރާ ރަށްތަކުގެ މެދުގައި ޖޯގުރަފީ ގޮތުން އޮންނަ ދުރުމިން ކައިރިކޮށް، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ދިވެހި ޒުވާނުން ގުޅުވައިދޭ ބާރެއްކަމަށެވެ. އަދި ކޮންމެ ސްކައުޓެއްގެ ކިބައިން ފެނިގެންދާ ހިތްވަރާއި، ޢަޒުމާއި، އެކަކުއަނެކަކަށް އެހީތެރިވުމުގެ މާތް ސިފައަކީ، އަޅުގަނޑުމެންގެ ކާބަފައިންގެ ކިބައިން ވާރުތަވެފައިވާ އިޙްތިރާމް ކުރުމާއި، އުސޫލުތަކަށް ތަބާވުމުގެ ރީތި މިސާލެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ސްކައުޓް ހަރަކާތަކީ، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ލާމަސީލު ނަމޫނާއެއްކަމަށެވެ. އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ރީތި ނަމޫނާ އަޅުގަނޑުމެންގެ ސްކައުޓުންގެ ފަރާތުން މިހާތަނަށްވެސް ވަނީ ފެނިފައިކަމަށާއި އަޅުގަނޑުމެންގެ ޤައުމީ ހަޔާތުގައި ކުރިމަތިވި ކޮންމެ ބޮޑު ކާރިސާއެއްގައި، އަދި ޤައުމަށް ދިމާވި ކޮންމެ ނުރައްކާތެރި ދަނޑިވަޅެއްގައި ޚާއްޞަކޮށް 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު މުޅި ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ނުރައްކާތެރި ބިރުވެރި ކާރިސާއިންވެސް، އެއްވެސް ޖެހިލުމެއްނެތި ޤައުމީ ކަންކަމުގައި އަބަދުވެސް ތައްޔާރަށް ތިބޭނޭ އެއްބަޔަކީ، އަޅުގަނޑުމެންގެ ލޮބުވެތި ސްކައުޓުންކަން ވަނީ ސާބިތުކޮށްދީފައިކަަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސްކައުޓުންގެ ހިތްތަކުގައިވާ އިންސާނިއްޔަތަށް އަދި ހިލޭ ސާބަހަށް ޚިދުމަތް ކުރުމާއި، ކަންކަމުގައި އިސްނެގުމާއި، ހުޝިޔާރުކަމާއި، ހިންގުންތެރިކަމުގެ ރޫޙަކީ، މުޅި މުޖުތަމަޢަށް ދައްކައިދޭ ހަރުދަނާ ނަމޫނާއެއްކަމަށެވެ.

"އަޅުގަނޑުގެވެސް ތަޢުލީމީ ހަޔާތުގައި ސްކައުޓް ހަރަކާތުން ލިބުނު ހުނަރާއި ތަޖުރިބާއަކީ، އަޅުގަނޑު އެޅި ކޮންމެ ފިޔަވަޅެއްގައި އަޅުގަނޑަށް މަގު ދައްކައިދިން ކަންކަން، އެއީ، ކަބް ސްކައުޓް މޮޓޯގައި ބުނާ " ޑޫ ޔުއަރ ބެސްޓް" އަދި ސްކައުޓް މޮޓޯގައި ބުނާ "ބީ ޕްރިޕެއަރޑް" ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އަށަގެނުވި ތަޖުރިބާތަކެއް، އެއީ، އެފަދަ ތަޖުރިބާތަކަކަށް އަޅުގަނޑުމެންގެ ޒުވާނުން ބޭނުންވެފައިވާ ތަޖުރިބާ ތަކެއްކަން އަޅުގަނޑަށް ޔަޤީން. އެހެންކަމުން، ސްކައުޓް ހަރަކާތްފަދަ ހަރަކާތްތަކަކީ، އޭގެ ގޮތުގައި އޭގެ އަޞްލާ އެއްގޮތަށް ކުރިއަށް ގެންދެވޭ ހަރަކާތްތަކެއްކަން ކަށަވަރު ކުރުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމާމެދު އަޅުގަނޑުގެ ހިތުގައި ޝައްކެއްނެތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގެ ސްކައުޓް ހަރަކާތްތައް އިތުރަށް ފުޅާކުރައްވައި ކުރިއަށް ގެންދެވުމަށް ސްކައުޓް އެސޯސިއޭޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން އެ އެސޯސިއޭޝަނަށާއި، ރާއްޖޭގެ ސްކައުޓް ހަރަކާތުގައި ޝާމިލުވެވަޑައިގަންނަވާ އެންމެހައި ބޭފުޅުންނަށް ދެއްވާފައެވެ.