ކުޅިވަރު

ކުރެވެނީ މަކަރު ހެދިކަމުގެ ތުހުމަތު، ޖޫން 12 އަށް ނޭމާ ފިޓްވާން ފުރުސަތު ދީފި


ނޭމާ ޖޫނިއާގެ އަނިޔާގެ މައްސަލާގައި މުޅި ބްރެޒިލް ވަނީ އެލާޓަށް އައިސްފަ އެވެ. ކުރިން ހީކުރި ގޮތާ ހިލާފަށް އުމުރުން 34 އަހަރުގެ ފޯވަޑްގެ ކުޑަކަޅުވާ އަށް ވެފައިވާ އަނިޔާގެ ސީރިއަސްކަން އެނގުނީ ގައުމީ ޓީމާ ގުޅުމަށްފަހު ހެދި ޓެސްޓް ތަކުންނެވެ.

މިއަނިޔާގެ ހާލަތު އޮތް ގޮތުން ވޯލްޑް ކަޕަށް ތައްޔާރުވާން ބްރެޒިލް ކުޅޭ ދެ މެޗުގައި ވެސް އޭނާ އަށް ނުކުޅެވޭނެ އެވެ. އަދި ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި ޖޫން 14 ވަނަ ދުވަހު މޮރޮކޯއާ ދެކޮޅަށް ވެސް އޭނާ އަށް ކުޅެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.

ކޯޗު ކާލޯ އަންޗެލޯޓީ މިހާރު ނިންމާފައިވަނީ ޖޫން 12 ވަނަ ދުވަހުގެ ނިޔަލަށް މުޅިން ފިޓްވާން ނޭމާ އަށް ފުރުސަތު ދިނުމަށެވެ. އެ ދުވަހު ހަދާ ޓެސްޓްތަކުން އޭނާ ފޭލްވެއްޖެނަމަ ޓީމުން އުނިކޮށް އެހެން ކުޅުންތެރިއަކަށް ފުރުސަތު ދޭނެ އެވެ. ދީފައިވާ މި މުއްދަތަކީ ނޭމާގެ އަނިޔާ އެއްކޮށް ރަނގަޅުވާން އަވަސް މުހުލަތެކެވެ. ގައުމީ ޓީމުގެ މެޑިކަލް ޓީމުން ލަފާ ކޮށްފައިވަނީ އަނިޔާ ރަނގަޅުވާން މަދުވެގެން ތިން ހަފުތާ ނަގާނެ ކަމަށެވެ. ޖޫން 12އާ ހަމައަށް ބާކީ މިހާރު އޮތީ ދެ ހަފުތާ އެވެ.

ނޭމާ އަށް އަންޗެލޯޓީ ފަހު ފުރުސަތު ދިނީ އޭނާގެ މަޝްހޫރު ކަމާއި ބްރެޒިލްގައި އޭނާ ޓީމުގައި ހިމަނަން ގޮވަމުންދާ ގޮވެލިތަކުގެ ސަބަބުންނެވެ. އެކަމަކު ފީފާގެ ގަވާއިދު ބުނާ ގޮތުން ކުޅުންތެރިއަކު ބަދަލު ކުރެވޭނީ އެންމެ ފުރަތަމަ މެޗުގެ 24ގަޑިއިރު ކުރިންނެވެ. އަންޗެލޯޓީ ޖޫން 12 އަށް ނޭމާ އަށް ފުރުސަތު ދިނީ އަނިޔާވެފައިވާ ކުޅުންތެރިއަކާ ހެދި މުޅި ޓީމަށް އޭގެ ނޭދެވޭ އަސަރު ކުރިޔަ ނުދިނުމަށާއި ވަގުތު އޮއްވައި އެހެން ކުޅުންތެރިއަކު ގެނައުމަށެވެ.

މީގެ އިތުރުން މިހާރު އެހެން ތުހުމަތެއް ވެސް ވަނީ ކުރެވިފަ އެވެ. ނޭމާގެ އިންޖަރީގެ މައުލޫމާތު ހޯދަން ގައުމީ ޓީމުން އޭނާގެ ކުލަބު ސަންޓޯސް އަށް ހުށަހެޅުމުން ގޯސް މައުލޫމާތު ދީފައިވާ ކަމުގެ ތުހުމެތެވެ. ބްރެޒިލްގެ ބައެއް މީޑިއާތަކުން ބުނަނީ މިއީ ނޭމާ އާއި ސަންޓޯސްއިން ވެސް ގުޅިގެން ކޮށްފައިވާ ކަމެއް ކަމަށެވެ. އަނިޔާގެ މައުލޫމާތު ސިއްރުކޮށް، މުޅިން ރަނގަޅު ނޫން މައުލޫމާތު ގައުމީ ޓީމަށް ދީފައިވާ ނަމަ އެއީ ވަރަށް ސީރިއަސް ތުހުމަތެކެވެ.
ނަމަވެސް މި ކަމާމެދު ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.