އެމެރިކާއިން ކިއުބާއަށް އަސްކަރީ ޙަމަލާ ދިނުން ވަރަށް ގާތް ކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ޖޮސެފީނާ ވިޑާލް ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ އެމެރިކާއާއި ކިއުބާއާ ދެމެދު ކުރަމުންދާ މަޝްވަރާތައް މަޑުޖެހިފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ކިއުބާއަށް ތެޔޮ ފޯރުކޮށްދޭ ޤައުމުތަކާ ދެކޮޅަށް ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރުދީ، ކިއުބާއަށް ތެޔޮ ލިބޭނެ މަގުތައް
ބަންދުކޮށްފައެވެ. އޭގެ ސަަބަބުން ކިއުބާގައި ކަރަންޓު ކެނޑުމަށް ދިމާވެ، އެ ޤައުމަށް ކުރިމަތިވެފައިވާ އުނދަގޫ ޙާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.
ކިއުބާއަށް ތެޔޮ އެތެރެކުރުމާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އެޅުމަށް ނިންމާފައިވާއިރު، އެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމަށް ބޭއްވި ކިއުބާގެ ޤާނޫނުހަދާ މަޖިލީހުގެ އަޑުއެހުމެއްގައި ވިޑާލް ވިދާޅުވީ ކިއުބާއަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދައްކައި އެ ޤައުމަށް ހަމަލާ ދިނުމަށް އެމެރިކާއިން ހަޤީޤަތާ ޚިލާފު ބަހަނާތައް ދައްކަމުންދާ ކަމަށެވެ. އެމެރިކާއިން ކިއުބާއަށް ޙަމަލާ ދިނުމުގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވަނީ މިދިޔަ މާރިޗު މަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ފެށުނު މަޝްވަރާތައް މެދުވެރިކޮށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ކިއުބާގެ ސަރުކާރުން ވަނީ އެ ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަަނުމަށް ފުރުޞަތު ނުދޭނެ ކަމަށް ބުނެފައެވެ. އެމެރިކާއިން ކަންކަން ކުރުމުގައި އިޙްލާސްތެރި ނޫން ކަމަށް ވެސް އެ ޤައުމުން ތުހުމަތުކޮށްފައިވެއެވެ. ވިޑާލް ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި މުއާސަލާތު ކުރުމުގެ މަގު އޮތީ ހުޅުވިފައި ކަމަށެވެ. ނަމަވެސް އެ މަގުން އަދި މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާއިން މައްސަލަތަކަށް ޙައްލެއް ހޯދުމަށް ހަޤީޤަތުގައި ބޭނުންވާ ކަމަާމެދު ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.