ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ބާކީ އޮތީ އެންމެ 13 ދުވަހެވެ. މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމަކީ ބްރެޒިލް އެވެ. އެންމެ ކާމިޔާބު ގައުމު ހަ ވަނަ ފަހަރަށް ތަށި ހޯދަން ނުކުންނައިރު މިހާރު އެންމެ ބޮޑު ބަހުސެއް އުފެދިފައިވަނީ ބްރެޒިލްގެ އެންމެ މަޝްހޫރު ކުޅުންތެރިޔާ ނޭމާއާ މެދުގަ އެވެ. އޭނާގެ އަނިޔާގެ މައްސަލަ އެވެ. ޓީމުގައި ހިމަނާނަމަ އޭނާ އަށް ދޭނެ ޖާޒީ ނަންބަރެއްގެ މައްސަލަ އެވެ.
އެންމެ ފަހުގެ ތިން ވޯލްޑް ކަޕުގައި ވެސް ބްރެޒިލްގެ 10 ނަންބަރު ޖާޒީ ހެޔޮވަރު ކުރީ ނޭމާ އަށެވެ. އެކަމަކު އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ ގައުމީ ޓީމަށް ނުކުޅޭތާ މިހާރު ދެ އަހަރާއި ބައި ވެއްޖެ އެވެ. މިހާ ދިގު މުއްދަތެއް ދިއުމުން ގިނަ ފަހަރު އެހެން ކުޅުންތެރިއަކު އެ ނަންބަރު އަމިއްލަ ކުރަން ފުރުސަތު ބޮޑުވިޔަސް ބްރެޒިލްގައި އެ ނަންބަރު އޮތީ ހުސްކޮށެވެ.
ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ގައުމަކީ ބްރެޒިލެވެ. މިހެންވެ 10 ނަންބަރު ޖާޒީ އަކީ ތާރީހީ އަދި ކާމިޔާބު ނަންބަރެކެވެ. ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރި ހަމައެކަނި ކުޅުންތެރިޔާ މަޝްހޫރު ޕެލޭގެ ރަސްމީ ނަންބަރަކީ އެއީ އެވެ. މަޝްހޫރު ޒިކޯ އާއި ކަކާ އާއި ރޮނާލްޑީނިއޯ އާއި ރިވާލްޑޯ ވެސް ކުޅުނު ފަހުރުވެރި ނަންބަރަކީ އެއީ އެވެ.
މިހެންވެ ކޮންމެ ވޯލްޑް ކަޕެއްގައި ވެސް ބްރެޒިލްގެ 10 ނަންބަރުގެ ބަރުދަން ބޮޑެވެ. މި ނަންބަރު ދޭނީ ޓީމުގެ އެންމެ ވިދުން ގަދަ ތަރިއަކަށެވެ. މިހާތަނަށް 10 ނަންބަރުގައި ކުޅުނު ކޮންމެ ކުޅުންތެރިއަކު ވެސް ވަނީ މޮޅަށް ކުޅެ ދުނިޔޭގެ ލޯބި ހޯދައިފަ އެވެ. އެންމެ ކުޅުންތެރިއަކު ފިޔަވަ އެވެ. އެއީ ރައިމުންޑޯ އޮލިވޭރާ އެވެ. 1994 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ބްރެޒިލް ނުކުތްއިރު 10 ނަންބަރު ދިނީ އޭނާ އަށެވެ. ޓީމުގެ ކެޕްޓަނަކީ ވެސް އޭނާ އެވެ. ނަމަވެސް ރާއީ އަށް ފުރަތަމަ 11އިން ޖާގަ ގެއްލި އެންމެ ފަހުން ތަށި އުފުލާލީ އަށް ނަންބަރުގައި ކުޅުނު ޑުންގާ އެވެ.
މި ފަހަރު ނޭމާ އަށް 10 ނަންބަރު ދީފިނަމަ މިފަދަ ގޮތެއް ވެސް ވެދާނެ ކަމަށް ހީކުރެވެން އެބައޮތެވެ. އޭނާ އަދިވެސް ހުރީ އަނިޔާގަ އެވެ. ކުރިން ބުނި ފަދައިން ގައުމީ ޓީމަށް ނުކުޅެ އަހަރުތަކެއް ވުމުން މިދިޔަ ދެ އަހަރާއި ބައިގައި ތިން ކުޅުންތެރިއަކު ދިޔައީ 10 ނަންބަރު ބޭނުން ކުރަމުންނެވެ. އެއީ ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާ އާއި ރެޑްރީގޯ އާއި ބާސެލޯނާގެ ރަފީނިއާ އެވެ. މީގެ ތެރެއިން ރޮޑްރީގޯ އަށް ވޯލްޑް ކަޕް ނުކުޅެވޭނެ އެވެ. އަނެއް ދެ ކުޅުންތެރިންގެ ތެރެއިން ވިނީޝިއުސް ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލް ކޮށްފަ އެވެ. އޭނާ އަށްވުރެ ކުލަބު ލެވެލްގައި ވިދުން ގަދައީ ރަފީނިއާ އެވެ.
ވޯލްޑް ކަޕުގައި ރަފީނިއޯ ކުޅޭނީ 11 ނަންބަރުގަ އެވެ. 10 ނަންބަރަށް ވާދަކުރަނީ ވިނީޝިއުސް އާއި ނޭމާ އެވެ. މި ސުވާލު ކުރުމުން ވިނީޝިއުސް ބުނީ 10 ނަންބަރު މި ޖީލުގައި ރަންޒުކޮށްދެނީ ނޭމާ ކަމަށެވެ. އޭނާ މިހެން ބުނީ ކުޅުންތެރިންނާއި މުޅި ދުނިޔޭގައި ވެސް ނޭމާގެ މަގުބޫލުކަން ބޮޑުވުމުން އިހްތިރާމް ކުރުމުގެ ގޮތުން ކަމަށްވެދާނެ އެވެ. ނުވަތަ ބޮޑު މައްސަލަގަނޑެއް ހިލުވާލަން ބޭނުންނުވާތީ ކަމަށް ވެސް ވުން ގާތެވެ.
ބްރެޒިލް ޓީމަށް ނޭމާ ނެގީ ޝަތުރުތަކާކުގެ އެވެ. ފުރަތަމަ 11 ގައި ކުޅެން ޑިމާންޑެއް ނުކުރެވޭނެ އެވެ. ކެޕްޓަން ބޭންޑް ހޯދަން ވެސް ނޫޅެވޭނެ އެވެ. މާ މަޝްހޫރު ވެގެން އެހެން ކުޅުންތެރިންނަށް ނުލިބޭ އިމްތިޔާޒު ތަކެއް ވެސް ނުލިބޭނެ އެވެ. އެކަމަކު ނެތް ޝަރުތަކީ ޖާޒީ ނަންބަރުގެ ޝަރުތެވެ.