ޚަބަރު

އިންޓަރ-އޮފީސް 3x3 ބާސްކެޓު މުބާރާތް ޖޫން 9 ގައި


  • މުބާރާތް ކުރިއަށްދާނީ ޖޫން 9 އަކުން 12 އަށް

  • 3 ކެޓެގަރީއެއްގައި ބައިވެރިވުމަށް ހުޅުވާލާފައިވޭ

  • ބައިވެރިވުމުގެ ސުންގަޑިއަކީ 2 ޖޫންގެ 16:00

ސަރުކާރު ކުންފުނިތަކާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ މެދުގައި ބާއްވާ 3x3 ބާސްކެޓްބޯޅަ މުބާރާތް އަންނަ މަހުގެ 9 ވަނަ ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

އަންހެން އަދި ފިރިހެން ފުރަތަމަ އަދި ދެވަނަ ޑިވިޝަނުގެޖުމްލަ ތިން ކެޓެގަރީއެއް ހިމެނޭހެން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ހުޅުވާލާފައިވެއެވެ.

މި ޑިވިޝަންތަކުގައި ބައިވެރިވާ ޓީމުތަކުން ދައްކަންޖެހޭ ފީއަށް ބަލާއިރު، ފިރިހެން ފުރަތަމަ ޑިވިޝަންގެ އިތުރުން އަންހެން ޑިވިޝަނުގައި ބައިވެރިވާ ޓީމުތަކުން 2000 ރުފިޔާ ދައްކަންޖެހެއެވެ. އަދި ފިރިހެން ދެވަނަ ޑިވިޝަނުގެ ޓީމުތަކުން ދައްކަންޖެހެނީ 1500 ރުފިޔާއެވެ.

މުބާރާތް ތާވަލުކުރެވިފައިވަނީ އަންނަ ޖޫން މަހުގެ 9 އަކުން 12 ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތަކުގައި މަދުވެގެން 4 ކުޅުންތެރިން ހިމަނަންޖެހެއެވެ. އެގޮތުން، ފުރަތަމަ ޑިވިޝަނުގައި ބައިވެރިވާ ޓީމުގައި ހިމަނާ ކުޅުންތެރިންގެ ތެރެއިން ކޮންމެ ޓީމެއްގައިވެސް އެންމެ ފަހުން ބޭއްވި ޤައުމީ ލީގުގެ ފުރަތަމަ ޑިވިޝަންގެ 3 ކުޅުންތެރިން ހިމެނޭނެއެވެ.

މީގެ އިތުރުން، ޓީމު ބައިވެރިކުރާ އޮފީހުގައި މަސައްކަތްނުކުރާ 1 ކުޅުންތެރިއަކު ޓީމުގައި ހިމެނޭނެއެވެ. އެނޫން ހުރިހާ ކުޅުންތެރިންވެސް ހިމެނޭނީ އެއޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.

ޓީމުގައި ބިދޭސީ ކުޅުންތެރިއެއް ނުވަތަ ކޯޗެއް ހިމަނާފައިވާނަމަ، އެ ކުޅުންތެރިއެއް ނުވަތަ ކޯޗެއް މުބާރާތް ފެށުމުގެ ކުރިން އެފަރާތެއްގެ ވޯކް ޕަރމިޓް، އެސޯސިއޭޝަނަށް ހުށަހަޅަން ޖެހޭނެއެވެ.

މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ މެދުގައި ގުރުނެގި، ތާވަލު އެކުލަވާލުމަށްފަހު އެއްވެސް ޓީމެއް މުބާރާތުން ވަކިވާނަމަ، 5000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަންޖެހޭނެއެވެ. އަދި، މުބާރާތުގެ މެޗަކަށް އެއްވެސް ޓީމަކުން ހާޒިރުނުވެއްޖެނަމަ، 10،000 ރުފިޔާއާއި 15،000 އާ ދެމެދުގެ އަގަކުން އެޓީމެއް ޖޫރިމަނާކުރެވޭނެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 2 ޖޫންގެ 16:00 ގެ ނިޔަލަށެވެ. މުބާރާތުގައި ޓީމެއް ބައިވެރިވިކަމަށް ބެލެވޭނީ، ރެޖިސްޓްރޭޝަން ފީ ދެއްކާފައި، އެސޯސިއޭޝަނަށް ޕޭމަންޓް ސްލިޕް ފޮނުވުމުންނެވެ.