ދިވެހީން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދަތުރުކުރަނީ، ރާއްޖެއިން ލިބެން ނުހުންނަ ފަރުވާ ހޯދުމަށެވެ. މިފަރުވާއަށް ދާއިރުވެސް ދައުލަތުގެ ޚަރަދުގައި ބޭސްފަރުވާގެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ފޯރުކޮށްދޭ މަދު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. ދިވެހީން އާސަންދައިގެ ދަށުން ބޭސްފަރުވާއަށްދާ ޤައުމުތަކުގެ ތެރޭގައި އަވައްޓެރި ސްރީލަންކާ ހިމެނެއެވެ.
ސްރީލަންކާއަކީ ދިވެހީން އާންމުކޮށް ބޭސްފަރުވާއަށް ގޮސްއުޅޭ އެއް ޤައުމެވެ. އާސަންދައިގެ ޚިދުމަތް ލަންކާގެ ބައެއް ހޮސްޕިޓަލްތަކުން ޚިދުމަތް ފޯރުކޮށްދެމުންދާއިރު، އިތުރު ހޮސްޕިޓަލްތަކުން އާސަންދަ މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްދަނީ މަސައްކަތް ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އާސަންދަ ކުންފުނިން ވިދާޅުވީ، މިވަގުތު އެޤައުމުގެ 7 ހޮސްޕިޓަލެއްގައި އާސަންދައިގެ ދަށުން ޚިދުމަތް ދެމުންދާކަމަށެވެ. އޭގެތެރޭގައި ކިންގްސް ހޮސްޕިޓަލް ކޮލަމްބޯ، އަސިރީ ހޮސްޕިޓަލް، އަސިރީ ސަރޖިކަލް، އަސިރީ ސެންޓްރަލް ހޮސްޕިޓަލް، ނަވްލޮކާ ކޮލަމްބޯ، ނަވްލޮކާ ނިގަމްބޯ އަދި ދޫރްދާންސް ހޮސްޕިޓަލް ހިމެނެއެވެ.
އާސަންދަ ކުންފުނިން ވިދާޅުވީ، ޚިދުމަތް ފުޅާކުރުމަށް އެދިފައިވާ 15 ހޮސްޕިޓަލަކާއެކު މަޝްވަރާގެ މަރުޙަލާގައި މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިވަގުތު 6 ހޮސްޕިޓަލަކާއެކު ޚިދުމަތް ދިނުމަށް އިދާރީ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
އެހޮސްޕިޓަލްތަކުން ޚިދުމަތްލިބެން ފެށުމާއެކު، ބޭސްފަރުވާއަށް ރާއްޖެއިން ލަންކާއަށް ދާ ފަރާތްތަކަށް ލިބޭ ޚިދުމަތްތައް ފުޅާވެ، ފަސޭހަ އިންތިޒާމެއްގެ ތެރެއިން ބޭސްފަރުވާގެ ކަންކަން ހަމަޖެހިގެންދާނެކަމަށް އާސަންދައިން ވިދާޅުވެއެވެ.
އާސަންދައަކީ ހެލްތު އިންޝުއަރެންސްގެ ޤައުމީ ނިޒާމެވެ. މިނިޒާމުގެ ދަށުން ކޮންމެ ދިވެއްސަކަށް ހިލޭ ބޭސްފަރުވާ ދައުލަތުގެ ޚަރަދުގައި ކުރެވޭނެ އިންތިޒާމުވަނީ ހަމަޖައްސަވާފައެވެ. އާސަންދައިން އަހަރެއްގެ މައްޗަށް 3 ބިލިއަނެއްހާ ރުފިޔާ ބޭސްފަރުވާއަށް ޚަރަދުކުރެއެވެ. އާސަންދައިން ވިދާޅުވާގޮތުގައި މިޚަރަދުގެ ބޮޑުބައެއް ހޭދަވަނީ ބޭސް ގަތުމަށެވެ. އެހެންކަމުން ސަރުކާރުން މިހާރު ދައުލަތުގެ ބޭސް ކުންފުނި އުފައްދަވާ، ބަލްކް ޕްރޮކިއުމަންޓް އުސޫލުގެ ދަށުން ބޭސް އެތެރެކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.