ތަރައްްޤީ

"ފަސޭހަ މަގު" އެޕްލިކޭޝަން ދިރާގު ކަސްޓަމަރުންނަށް ހިލޭ


ހައުސިންގ މިނިސްޓްރީގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދޭ "ފަސޭހަ މަގު" އެޕްލިކޭޝަން ދިރާގު ކަސްޓަމަރުންނަށް ހިލޭ ބޭނުންކުރެވޭގޮތަށް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ހައުސިންގ މިނިސްޓްރީގައި މިއަދު  ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދަޅުވީ، ދިރާގުގެ އިޖްތިމާޢީ ޒިންމާގެ ދަށުން ތަފާތު ގިނަ އެހީތަކެއް ފޯރުކޮށްދެމުންދާކަމަށެވެ. އެގޮތުން ހައުސިން މިނިސްޓްރީން ހިންގަވާ ގިނަ މަޝްރޫއުތަކުގައި ދިރާގުގެ އެހީތެރިކަން ލިބެމުންދާކަން މިނިސްޓާރ ފާހަގަކުރެއްވިއވެ.

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ، ހައުސިންގ މިނިސްޓްރީގެ "ފަސޭހަ މަގު" އެޕްލިކޭޝަނަކީ އެމިނިސްޓްރީގެ މަޝްރޫޢުތަކާ ބެހޭ ވަރަށް މަޢުލޫމާތު މުއްސަނދި އެޕްލިކޭޝަނެއްކަމަށެވެ. އެހެންކަމުން އެޕްލިކޭޝަން ހިލޭ ބޭނުންކުރެވޭނެ ފުރުޞަތު ފަހިކޮށްދެވުނީތީ އުފާކުރާކަމުގައި އިސްމާޢިލް ރަޝީދު ވިދާޅުވިއެވެ.

"ފަސޭހަ މަގު" އެޕްލިކޭޝަން ދިރާގު ކަސްޓަމަރުންނަށް ހިލޭ ބޭނުންކުރެވޭގޮތަށް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ މިނިސްޓާރ ޑރ. މުޙައްމަދު މުޢިއްޒެވެވެ. އަދި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިސްމާޢީލް ރަޝީދެވެ.

ފަސޭހަ މަގު އެޕްލިކޭޝަނަކީ މާލޭގެ ބަންދު ކުރެވޭ މަގުތަކުގެ މަޢުލޫމާތާއި، ހައުސިންގ މިނިސްޓްރީން ކުރިއަށްގެންދާ އުމްރާނީ ތަރްއޤީގެ މަސައްކަތްތަކުގެ މަޢުލޫމާތުގެ ލިބިދޭ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް އެމިނިސްޓްރީއަށް ޝަކުވާ ހުށައެޅޭނެ އިންތިޒާމްވެސް ވަނީ ފަހިކޮށްދެއްވާފައެވެ.