ޚަބަރު

ބަހުގެ އެކެޑަމީން ސްރީލަންކާގައި ޚާއްޞަ ހަރަކާތެއް ބާއްވަނީ


ދިވެހި ޅެންވެރިކަމުގައި ހިމެނޭ ތަފާތު ބައިތައް ދައްކާލުމަށް "ގުންޒަރު"ގެ ނަމުގައި ސްރީލަންކާގައި ޚާއްސަ ހަރަކާތްތަކެއް ހިންގެވުމަށް ދިވެހި ބަހުގެ އެކެޑަމީން ނިންމައިފިއެވެ.

މި މަހުގެ 12 ވަނަ ދުވަހު ސްރީލަންކާގައި ތިބި ދިވެހި ކިޔަވާ ދަރިވަރުންނާއިއެކު ދިވެހި ޅެންވެރިންގެ ޓީމަކުން ކުރިއަށްގެންދާ މި ހަރަކާތުގައި، ޅެންވެރިކަމުގައި އެކުލެވިގެންވާ ފަރިއްސާ، ރައިވަރާ، ބަނދި ފަދަ ބައިތައް އަޑުއިވިގެންދާނެކަމަށް އެކެޑަމީން ވިދާޅުވެއެވެ.

12 ވަނަ ދުވަހު ބާއްވާ މި "ގުންޒަރު" ގެ އިތުރުންވެސް ސްރިލަންކާގައި ތިބި ދިވެހި ދަރިވަރުންވާ މުދައްރިސުންނަށް އަމާޒުކޮށްގެން ޅެންވެރިކަމުގެ ހުނަރު ދަސްކޮށްދެއްވުމުގެ ސެޝަންތަކެއްވެސް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވިއެވެ. އަދި މިއީ މިފަދަ ކަމެއް ރާއްޖެއިން ބޭރުގެ ޤައުމެއްގައި ބާއްވާ ފުރަތަމަ ފަހަރުކަންވެސް އަޝްރަފް ފާހަގަކުރެއްވިއެވެ.

ދިވެހި ޅެންވެރިކަމާއި ގުޅޭ މިފަދަ ހަރަކާތްތައް ދިވެހިން ދިރިއުޅޭ އެހެން ޤައުމުތަކުގައި ބޭއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށްވެސް ބަހުގެ އެކެޑަމީން ވިދާޅުވެއެވެ. ސްރިލަންކާގައި މި ބާއްވާ ގުންޒަރުގައި، ދިވެހިންގެ ތެރޭގައި ފާހަގަކޮށްލެވޭ ޅެންވެރިންވެސް ބައިވެރިވާނެއެވެ.