ކުޅިވަރު

ވޯލްޑް ކަޕުގެ ކުރިން ކެނެޑާ ކޯޗުގެ ކޮންޓްރެކްޓް އާކޮށްފި


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުރިން ކެނެޑާގެ ކޯޗު ޖެސޭ މާޝްގެ ކޮންޓްރެކްޓް އާކޮށްފި އެވެ.

މި އެއްބަސްވުމާއެކު 2030 ވަނަ އަހަރުގެ ނިޔަލަށް އޭނާ މަގާމުގައި ހުންނާނެ އެވެ.

2024 ވަނަ އަހަރު ކެނެޑާގެ ކޯޗުކަމާ ހަވާލުވި މާޝްގެ ކޮންޓްރެކްޓް އާކުރީ އޭނާ މިހާތަނަށް ނެރުނު ނަތީޖާތަކަށް ބަލާފަ އެވެ. އެނާ ވަނީ އެންމެ ފަހުގެ ކޮޕާ އެމެރިގެ ހަތަރު ވަނަ ހޯދައިދީފަ އެވެ. އަދި ފީފާ ރޭންކިންގެ 26 ވަނަ އަށް ޓީމު ގެންގޮސްދީފަ އެވެ. މިއީ ކެނެޑާގެ ތާރީހުގައި ވެސް އެންމެ މައްޗަށް ދިޔަ ފަހަރެވެ.

"އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަރެންނާއި މި ޓީމާ ވަނީ ވަރަށް ބޮޑަށް ގުޅިފައި. އަހަރެން ވަރަށް އުފާ ކުރަން ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ލިބުމުން. އަހަރެން މިހުރީ ޓީމު ކުރިއަރުވައި ކުޅުންތެރިން އުފައްދަން ތައްޔާރަށް،" ކޯޗު ބުންޏެވެ.

ކެނެޑާއިން ކޯޗުގެ ކޮންޓްރެކްޓް އާކުރީ އެކަމަށް އެ ގައުމުގެ މުއްސަދި އާއިލާތަކުން ފަންޑު ކުރަން ބޭނުންވުމުންނެވެ.

އަންނަ މަހު 11 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕް ބާއްވާ އެއް ގައުމަކީ ކެނެޑާ އެވެ. މެކްސިކޯ އާއި އެމެރިކާއާ ގުޅިގެން ބާއްވާ މުބާރާތުގައި ކެނެޑާ ހިމެނެނީ ބޮސްނިއާ އާއި ގަތަރާއި ސްވިޒަލޭންޑާއެކު ގްރޫޕް ބީގަ އެވެ. އެ ގައުމުގެ އަމާޒަކީ ދެ ވަނަ ބުރން ޖާގަ ހޯދުމެވެ.