ވިޔަފާރި

ތައިލެންޑްގެ މިނިސްޓަރ އޮފް ކޮމާރސް ރާއްޖެ ވަޑައިގަންނަވަނީ


ތައިލެންޑްގެ މިނިސްޓަރ އޮފް ކޮމާރސް، އަޕިރާދި ޓަންޓްރަޕޯން އަންނަ ބުދަ ދުވަހު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހާމަކުރައްވައިފިއެވެ.

މި ދަތުރުގައި ތައިލެންޑްގެ 30 ވިޔަފާރިވެރިން ހިމެނޭ ވަފުދެއްވެސް އަޕިރާދި ޓަންޓްރަޕޯން އެކު ރާއްޖެއައުމަށް ހަމަޖެހިފައިވެއެވެ.

ތައިލޭންޑްގެ މިނިސްޓަރ އޮފް ކޮމާރސް، އަޕިރާދި ޓަންޓްރަޕޯންގެ މި ދަތުރުފުޅަކީ ތައިލެންޑާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އެގްރީމެންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯރޕަރޭޝަންގެ ދަށުން އުފައްދާފައިވާ ޖޮއިންޓް ޓްރޭޑް ކޮމިޓީގެ ދެވަނަ ބައްދަލުވުމަށް، ރާއްޖެއަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުގައި ތައިލެންޑުގެ އެކްސްޕޯޓް ވިޔަފާރީގައި ހަރަކާތްތެރިވާ 30 ކުންފުންޏަކުން އެ ކުންފުނިތަކުން އެކްސްޕޯޓުކުރާ ތަކެތީގެ ޑިސްޕްލޭ އަކާއެކު މި ހަފްތާގެ ބުރާސްފަތި ދުވަހު ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި ދިވެހި ވިޔަފާރި ވެރިންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ތައިލެންޑުގެ ވިޔަފާރީގެ ޑެލިގޭޝަނާއި ބައްދަލުކޮށްލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވިފައި ކަމަށާއި، ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ތައިލެންޑްގެ ކުންފުނިތަކުގެ ނަންތައް އަދި އެފަރާތްތަކުން ކުރައްވާ ވިޔަފާރީގެ ކުރު ތަޢާރަފެއް ހިމެނޭ ޝީޓެއް އެ މިނިސްޓްރީގެ ވެބްސައިޓު، www.trade.gov.mv އިން ލިބިވަޑައިގަންނަވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.