ވިޔަފާރި

އައު ޑިއުޓީ ފްރީ ފިހާރައެއް އެއަރޕޯޓުގައި ހުޅުވައިފި


ސްވަރޯވްސްކީ ފިހާރައަކާއިއެކު އައު ޑިއުޓީ ފްރީ ފިހާރައެއް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާރޗަރ ޓާމިނަލްގައި ހުޅުވައިފިއެވެ.

މިއަދު ހަވީރު އެއަރޕޯޓް ޑިޕާޗަރ ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތެއްގައި އައު ޑިއުޓީފްރީ ފިހާރަތައް ހުޅުއްވައިދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާއެވެ. އެއަރޕޯޓުން މީހުން ފުރާ ޑިޕާޗަރ ގޭޓް 1، 2، އަދި 3 ކައިރީގައި ހުޅުވާފައިވާ ޑިއުޓީ ފްރީ ފިހާރަތަކުން ސެންޓާއި ޗޮކްލެޓް ލިބެން ހުރެއެވެ. img:http://s3.psmnews.mv/images/660x400/14760360093606.jpg|ސްވަރޯވްސްކީ ފިހާރައެއް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާރޗަރ ޓާމިނަލްގައި ހުޅުވުން - ފޮޓޯ: ޕީއެސްއެމް

ޑިއުޓީ ފްރީގެ އައު ފިހާރަތައް ހުޅުއްވައިދެއްވުމަށްފަހު އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ އައު ޓަރމިނަލްގެ މަސައްކަތަށް މަތީގައި ހުރި ގޭޓްތައްވެސް ތިރިއަށް ބަދަލްކުރުމަށް ނިންމާފައިވާ ކަމަށާއި، އެބަދަލާއިއެކު އިތުރު ޑިއުޓީ ފްރީ ފިހާރަތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

ސްވަރޯވްސްކީ އަކީ މަތީ ފެންވަރުގެ ގަހަނާއި އާއި ގޭތެރެ ޒީނަތްތެރިކުރާ ތަފާތު ސާމާނު އުފައްދުމަށް ދުނިޔެއަށް މަޝްހޫރު ކުންފުންޏެކެވެ. އޮސްޓްރިއާގެ މި ކުންފުންނީގެ އުފެއްދުންތައް ތައްޔާރުކުރުމުގައި ބޭނުންކުރަނީ ކްރިސްޓަލްއާއި، ބިއްލޫރިއެވެ. މި ފިހާރަ ހުންނަނީ އެއަރޕޯޓްގެ ޑިޕާޗަރ ޓާރމިނަލްގެ މަތީ ފްލޯގައެވެ.