ޚަބަރު

ވޯލްޑް ބޭންކުން ރާއްޖެއަށް ދޭ އެހީ އިތުރު ކުރަނީ


ވޯލްޑް ބޭންކުން ރާއްޖެއަށް ދޭ އެހީ، ކުރިއަށް އޮތް ތިން އަހަރު އިތުރުކުރާނެކަމުގެ ޔަޤީންކަން އެ ބޭންކުން ދީފިއެވެ.

ވޯލްޑް ބޭންކުން މިކަން ހާމަކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ޒުހޫރާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ ޑރ. ޢާއިޝަތު ޢަޒީމާއާއި، ވޯލްޑް ބޭންކްގެ ދެކުނު އޭޝިޔާ ގޮފީގެ ނާއިބު ރައީސް އެނެޓް ޑިކްސަން ބޭއްވެވި ބައްދަލު ކުރެއްވުމެއްގައެވެ.

މި ބައްދަލުކުރެއްވުން އޮތީ، މިހާރު އެމެރިކާގެ ވޮޝިންގޓަންގައި ކުރިއަށްދާ ވޯލްޑް ބޭންކް އަދި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޑިކްސަން ވަނީ، ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ލުއި ފަސޭހަ އިންތިޒާމްތަކެއްގެ ދަށުން އިތުރު ލޯނުތަކެއް ހަމަޖެއްސެވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ.

އަދި، ވޯލްޑް ބޭންކުން ރާއްޖެއަށް ދޭ މާލީ އެހީ، ކުރިއަށް އޮތް 3 އަހަރު އިތުރުކުރާނެ ކަމަށް ވިދާޅުވިއެވެ. މި ބައްދަލު ކުރެއްވުމުގައި ޒުހޫރު އަދި ޑރ. ޢަޒީމާ ވަނީ، ސަރުކާރުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ޕްލޭނާބެހޭ މަޢުލޫމާތު ޑިކްސަންއާއި ޙިއްޞާ ކުރައްވާފައެވެ. މީގެތެރޭގައި، ސަރުކާރުގެ އިޤްތިޞާދީ ތަރައްޤީއާއި އަދި އިޤްތިޞާދީ އިޞްލާޙުތަކުގެ ޕްލޭންގެ ދަށުން ކަރަންޓް އަދި ކާބޯތަކެތީގެ ސަބްސިޑީ ދިނުމުގެ އުޞޫލަށް ބަދަލުގެންނަވައި، ސަރުކާރުން އެކަމަށް ކުރައްވާ ހޭދަ ކުޑަކުރެއްވުމަށް ނިންމެމި ނިންމެވުމުގެ މަޢުލޫމާތު ހިމެނެއެވެ.

އަދި، ސަރުކާރުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި، މީގެތެރޭގައި ހިމެނޭ ބޮޑެތި މަޝްރޫޢުތައް ކަމަށްވާ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓާއި، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް، އަދި ހުޅުމާލެ ޔޫތް ސިޓީ ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢުގެ މަޢުލޫމާތު ހިމެނެއެވެ. މި ބައްދަލުކުރެއްވުމުގައި ޑިކްސަން ވަނީ، ރާއްޖޭގެ އިޤްތިޞާދީ އިޞްލާޙްތަކުގެ ޕްލޭނަށް މަރުޙަބާ ވިދާޅުވެ، މިއީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށް ވިދާޅުވިއެވެ.