ޚަބަރު

ފުލުހުންގެ ބެލުމުގެދަށުން ބައެއް މަސްތުވާތަކެތި ނައްތާލައިފި


ފުލުހުންގެ ބެއްލެވުމުގެ ދަށަށް ގެންދަވާފައިވާ މަސްތުވާތަކެތީގެ ތެރެއިން ތުހުމަތެއް ނެތް، ނުވަތަ ބައްލަވާ ނިމިފައިވާ މައްސަލަތަކާއި ގުޅޭ ހިކި މަސްތުވާތަކެތި ނައްތާލައްވައިފިއެވެ.

ނައްތާލެއްވި މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 2011، 2012 އަދި 2013 ވަނަ އަހަރު ފުލުހުންނަށް ހުށައަޅާފައިވާ މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވާފައިވާ ހިކި މަސްތުވާތަކެތީގެ ތެރެއިން މިހާރު މައްސަލަ ބައްލަވާ ނިމިފައިވާ ތަކެތިކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއަދު ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި 198 މައްސަލައެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވާފައިވާ ތަކެތި ހިމެނެއެވެ. މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 2011 ވަނަ އަހަރުގެ 2 މައްސަލައަކާއި 2012 ވަނަ އަހަރުގެ 137 މައްސަލައެއްގެ އިތުރުން 2013 ވަނަ އަހަރުގެ 59 މައްސަލަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނައްތާލެއްވި މަސްތުވާތަކެތީގެ ތެރޭގައި މަސްތުވާތަކެތި ހުރި 675 ރަބަރު ޕެކެޓާއި 687 ސެލޯފިންކޮޅާއި ހުސްޕެކެޓްގެ 70 ޕެކެޓްގެ އިތުރުން 2 ފޮއިލްކޮޅާއި، މީގެ އިތުރުން އެހެނިހެން 198 އެއްޗެއް ހިމެނެއެވެ. އޭގެތެރޭގައި 146.38 ގްރާމް ހެރޮއިނާއި 748.1409 ގްރާމް ކެނެބިސްގެ އިތުރުން 5.3654 ގްރާމްގެ ނައިޓްރަޒިޕާމް ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ދޫނިދޫގައި މިތަކެތި ނައްތާލައްވާފައިވަނީ މަސްތުވާތަކެތި ނައްތާލުމާއި ބެހޭގޮތުން އެކުލަވާލާފައިވާ ޤަވާއިދުގެ ދަށުން އެކުލަވާލާފައިވާ ކޮމިޓީގެ ހާޒިރުގައިކަމަށް ފުލުހުން ވިދާޅުވިއެވެ.