ޚަބަރު

ރާއްޖޭގެ ޕޯސްޓްގެ ޚިދުމަތުގެ އޭރާއި މިހާރު ވަރަށް ތަފާތު!


110 އަހަރުގެ ދިގު ތާރީޚެއް އޮތް ދިވެހިރާއްޖޭގެ ޕޯސްޓްގެ ޚިދުމަތުގައި މިހާރު ރާއްޖޭގެ ޕޯސްޓް އޮފީހަށް ދުނިޔޭގެ އެކި ހިސާބުތަކުން ދުވާލެއްގެ މައްޗަށް 3000 އާއި 5000އާ ދެމެދުގެ އަދަދަކަށް ޕެކެޓް އަދި ޕާރުސަލްތައް އަންނަކަމަށް ފޯސްޓް ލިމިޑެޓުން ހާމަކޮށްފިއެވެ. މިކަން ހާމަކުރީ މިއަދު ފާހަގަކުރެވޭ ބައިނަލްއަޤްވާމީ ޕޯސްޓް ދުވަހާ ގުޅުވައިގެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އޮފިޝަލަކު ދެއްވި ޚާއްޞަ އިންޓަރވިއުއްގައެއެވެ.

ދިވެހިރާއްޖެއަކީ މާކަނޑަށް ފެތުރުފައިވާ ކުދި ރަށްތަކެއްގައި އަތުރާލެވިފައިވާ ކުދި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ކަނޑުގެ ސަރަޙައްދުގެ ގޮތުން ބޮޑު، ބިމުގެ ގޮތުން ކުޑަ ޤައުމެކެވެ. ކަނޑުދަތުރުފަތުރު ފިޔަވައި ދިވެހިރާއްޖޭގެ އެންމެ ޒަމާންވީ މުވާޞަލާތީ ޚިދުމަތަކީ ޕޯސްޓެވެ.

ދުނިޔޭގައި ކޮންމެ އަހަރަކު ޕޯސްޓް ދުވަހުގެ ގޮތުގައި ބައިނަލްއަޤުވާމީ ގޮތުން ދުވަހެއް ފާހަގަކުރެއެވެ. އެއީ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، ޢާންމުންނާއި ވިޔަފާރިވެރިންނަށް އަދި ޤައުމީ ތަރައްޤީއަށް ޕޯސްޓްގެ ސަބަބުން އަންނަ ކުރިއެރުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ.

ޕޯސްޓްގެ ޚިދުމަތަކީ ދިވެހިންގެ ދިރިއުޅުމާއި، ގުޅިލާމެހިފައިވާ ޚިދުމަތެކެވެ. ރާއްޖެއަށް ޕޯސްޓްގެ ޚިދުމަތް ތަޢާރަފްކުރެވިގެން ދިޔައީ 1906 ވަނަ އަހަރުއެވެ. އެދުވަސްވަރު މީހުން ޕޯސްޓްގެ ޚިދުމަތް ބޭނުން ކުރަމުން އައީ ދުރުގައި ތިބޭ މީހުނާ މުޢާސަލާތުކުރުމުގެ އެންމެ މައިގަނޑު ވަޞީލަތުގެ ގޮތުގައެވެ. ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންނާ ސިޓީބިޓީން ވާހަކަދެއްކުމަށެވެ. އަދި ރާއްޖެއިން ބޭރުގައި ތިބޭ މީހުންނާ މުޢާމަލާތު ކުރުމަށާއި، ދައުލަތްތަކާ ކުރެވޭ ރަސްމީ މުޢާމަލާތުތަކަށެވެ.

ޕޯސްޓްގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދިނެވެ. ދުރުގާ ދިރިއުޅޭ ޢާއިލާ މީހުންނާއި، ރައްޓެހިންނާ ގުޅުން ބަދަހިކުރުމަށް އޭގެ ސަބަބުން، ފަސޭހަވެގެން ދިޔައެވެ.

ޒަމާން ބަދަލުވެ، އަހަރުތަކަކަށްފަހު، މުވާޞަލަތީ ޒަމާނީ ޚިދުމަތްތަކާއި އެއާގުޅޭ ޓްކްނޮލޮޖީ، ރާއްޖެއަށް ތަޢާރަފްވެގެން އައުމާއި، އަދި ދުނިޔޭގެ ގިނަ ހިސާބުތަކަށް އެފަދަ ޓެކްނިލޮޖީ ޢާންމުވާން ފެށުމުން، ޕޯސްޓްގެ ޚިދުމަތް ބޭނުންކުރާ މީހުންގެ ޢަދަދު މަދުވެގެން ދިޔައެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކަށް އިންޓަރނެޓްގެ ޚިދުމަތް ތައާރަފްވެގެން ދިޔުމާއެކު، ޕޯސްޓްގެ ޚިދުމަތް ބޭނުންކުރާ މީހުން އެތައް ގުނައަކަށް މަދުވެގެން ދިޔައެވެ.

ޕޯސްޓުން ސިޓީބިޓީގެ މުޢާމަލާތް މަދުވިނަމަވެސް ޕޯސްޓްގެ ބޭނުން ކެނޑިގެންގޮސްފައެއް ނުވެއެވެ. މިހާރު މިވަނީ އަނެއްކާވެސް ޕޯސްޓްގެ ޚިދުމަތުގެ ބޭނުން ހިފާމީހުންގެ އަދަދު އިތުރުވެ، ޕޯސްޓްގެ މަޤްބޫލްކަން އިންތިހާއަށް އަރާފައެވެ. އީ-ކޮމާރސްގެ ކުރިއެރުމާއެކު، ބޭރު ޤައުމުތަކުގެ ވިޔަފާރި ވެބްސައިޓުތައް މެދުވެރިކޮށް ގަންނަ ތަކެތި ދިވެހިންނާ ހަމައަށް ގެނެސްދޭ އެންމެ އިތުބާރު ހުރި ފަރާތަކަށް ޕޯސްޓް އޮފީސް މިވަނީ ވެގެން ގޮސްފައެވެ. އަދި ފައިސާ ފޮނުވުމުގައިވެސް އެންމެ އިތުބާރުހުރި އެއް ފަރާތަކީ ޕޯސްޓް އޮފީހެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ހާމަކުރާ ގޮތުގައި ކޮންމެ ދުވަހަކުވެސް، ރާއްޖޭގެ ޕޯސްޓް އޮފީހަށް ދުނިޔޭގެ އެކި ހިސާބުތަކުން 3000އާއި 5000އާ ދެމެދުގެ އަދަދަކަށް ޕެކެޓް އަދި ޕާރުސަލްތައް އާދެއެވެ. އެތަކެތީގެ ވެރިފަރާތާ ހަމައަށް ފޯރުކޮށްދިނުމުގައި ޕޯސްޓް އޮފީހުން ވަނީ ފަސޭހަގޮތްތަކެއް ހަމަޖައްސަވާދެއްވާފައެވެ.

ޕޯސްޓް އޮފީހަށް އަންނަ ޕެކޭޖްތަކާއި، ޕާރުސަލްތައް ދޫކުރަނީ ޕޯސްޓް އޮފީހުގެ ހެޑް އޮފީހުންނާއި، ވެލާނާ ބިލްޑިންގް، އަދި ހުޅުމާލޭގައި ހުންނަ އެ އޮފީހުގެ ބުރާންޗުންނެވެ. ރާއްޖެއަށް އަންނަ ޕެކޭޖް އަދި ޕާރުސަލްތަކުގެ 50 އިންސައްތައަކީ އަތޮޅުތެރެއަށް އަންނަ އެއްޗެހި ކަމަށްވާއިރު، ފަސޭހައިން އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށް އެތަކެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، ޕޯސްޓް އޮފީހުގެ އޮފީސްތައް ވަނީ އަތޮޅުތެރޭގައި ޤާއިމްކޮށްފައެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޕޯސްޓް އޮފީހުގެ އެޖެންޓުން އަންނަނީ ޙަރަކާތްތެރިވަމުންނެވެ. އަދި ޕޯސްޓް އޮފީހަށް އަންނަ ތަކެތި ގެއަށް ޑެލިވަރކޮށްދިނުމުގެ ޚިދުމަތްވެސް ޕޯސްޓް އޮފީހުން އަންނަނީ ދެމުންނެވެ.

ދުވާލަކަށް 200 އާ 400 އާއި ދެމެދުގެ އަދަދަކަށް، މާލޭ ޕޯސްޓް އޮފީހުން ނަމްބަރު ދޫކުރެއެވެ. އަދި އެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މިހާރު ވަނީ ނަމްބަރު ނަގާ ފަރާތްތަކަށް އެމީހެއްގެ ނަމްބަރ ކައިރިވުމުން ފޯނަށް އެލަރޓެއް އަންނަ ޚިދުމަތްވެސް ތަޢާރަފްކޮށްފައެވެ. މީގެ އިތުރުން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އަންނަ އަހަރުގެތެރޭގައި ޕޯސްޓް އޮފީހުގެ އިތުރު ސެންޓަރތައް މާލޭގައި ޤާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ޕޯސްޓް އޮފީހުގެ ޑިރެކްޓަރ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މަރކެޓިންގ، އާމިނަތު ޝަރުމާ ވިދާޅުވިއެވެ.

ބޭރުން ތަކެތި ގަންނަ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ޕޯސްޓް އޮފީހުން ވަނީ ހުސްވި އަހަރުގެ ތެރޭގައި "އީ-ޓުކުރި" ގެ ނަމުގައި އާ ޙިދުމަތެއް ތަޢާރަފްކޮށްފައެވެ. ޗައިނާ އަދި އެމެރިކާއިން އެއްޗެހި ގަންނަން ބޭނުންވާ ފަރާތްތަކަށް، އެ ދެ ޤައުމުގެ އެޑްރެސްތަކެއް ދިނުމަކީ މި ޚިދުމްތުގައި ހިމެނޭ ފާހަގަކުރެވޭ ކަންކަމެވެ. އެއާއެކު އެ ޤައުމުތަކުގެ ވެބްސައިޓުތަކުން އެއްޗެހި ގަތުމަށް މަގުފަހިވެގެންދާކަންވެސް ފާހަގަކުރެވެއެވެ. ޝަރުމާ ވިދާޅުވީ "އީ-ޓުކުރީގައި އިތުރު ޤައުމުތައް ހިމެނުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ޕޯސްޓް އޮފީހުން އަންނަނީ އެކްސްޕްރެސް މަނީގެ ޚިދުމަތްވެސް ދެމުންނެވެ. އެގޮތުން ބޭރު ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފައިސާ ފޮނުވުމަށް އެހީވެދޭ މި ޚިދުމަތަކީވެސް ގިނަ ޢަދަދެއްގެ ބަޔަކު ބޭނުންކުރަމުން އަންނަ ޚިދުމަތެކެވެ.

ޤަރުނެއް ކުރިން ފެށިފައިވާ ބައެއް ޚިދުމަތްތަކަކީ، ދުނިޔެ ބަވަނަވެ، ޓެކްނޮލޮޖީގެ އިންޤިލާބުތަކާއެކު ހީނަރުވެފައިވާ ނުވަތަ އުވިފައިވާ ޚިދުމަތްތަކެވެ. އެހެންނަމަވެސް، ޕޯސްޓްގެ ޚިދުމަތް ހިމެނިގެން މިދަނީ އަދިވެސް އައު ދިރުން ލިބިގެން އައު ގޮތްތައް ތަޢާރުފްވެގެން ކުރިއަށްދާ ޚިދުމަތެއްގެ ގޮތުގައެވެ.