ތަރައްްޤީ

41 ރަށެއްގައި ހުރި ޖަނެރޭޓަރތައް ހުރީ ނާޒުކު ޙާލަތުގައި- ފެނަކަ


ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން  ކަރަންޓްގެ ޚިދުމަތް ދެމުން އަންނަ 151 ރަށުގެ ތެރެއިން 41 ރަށެއްގައި ހުރި ޖަނެރޭޓަރތައް ހުރީ ނާޒުކު ޙާލަތުގައި ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ މި 41 ރަށުގެ ކަރަންޓްގެ ޚިދުމަތް ދޭންބޭނުންކުރާ އިންޖީނުތަކަށް ބޭނުންވާ ޖަނެރޭޓަރާއި އަދި ޖަނެރޭޓަރތަކަށް ބޭނުންވާ އެހެނިހެން ސްޕެއަރ ފަދަ ތަކެތި ހޯދުމަށް ޓެންޑަރކޮށް އޯޑަރ ކޮށްފައިވާކަމަށެވެ. އަދި މާދުރުނޫން މުސްތަޤްބަލެއްގައި އެ ރަށްރަށުގެ ކަރަންޓްގެ ޚިދުމަތް ދެމުންގެންދާ ޖަނެރޭޓަރތަކުގެ ޙާލަތު ރަނގަޅުކޮށް، ރަނގަޅު ފެންވަރެއްގައި ކަރަންޓްގެ ޚިދުމަތް ދެވޭނެކަމުގެ އުންމީދު އެބައޮތްކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ. އަދި އެކުންފުނިން އިންޖީނުތަކަށް ބޭނުންވާ ސްޕެއަރތައް ހޯދުމަށް ޓެންޑަރަށް ހުޅުވާލުމުން ރާއްޖެއިން ބޭރުގެ ކުންފުނިތަކުން ކުރިމަތިލަމުން އަންނަކަމަށާއި، އެހެންނަމަވެސް އެކުންފުނިތަކުން ފައިސާ ދެއްކުމަށްޓަކައި ހުށަހަޅާފައިވަނީ ޔޫއެސްޑޮލަރުންކަން ފާހަގަކުރައްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، މި ދުވަސްވަރު އެކުންފުންޏަށް ދިމަވާ އެންމެ ބޮޑު އެއްދައްޗަކީ ޔޫއެސްޑޮލަރު ލިބުމުގެ ދަތިކަންކަމަށެވެ."95 އިންސައްތަ ކުންފުނިތަކުން ގާތްގަޑަކަށް ކޯޓްކޮށްފައި އިންނަނީ ޔޫއެސްޑޮލަރުން. ޔޫއެސްޑޮލަރު ލިބުމުގެ ދަތިކަން ހުރީތީވެ ބައެއް ޓެންޑަރ ކޮންޓްރެކްޓްގައި ސޮއި ނުކުރެވި އެބަހުރި. އެހެންނަމަވެސް މިހާރު އެފަރާތްތަކާއި ނެގޯޝިއޭޓުކުރަމުންދަނީ  ދިވެހިރުފިޔާއިން ޕޭކުރެވޭނެގޮތްތަކެއް ވޭތޯ. އެގޮތުން ބައެއް ކުންފުނިތަކާއި ނެގޯޝިއޭޓް ކުރެވިގެން ދިވެހި ރުފިޔާއިން ޕޭ ކުރާ ގޮތަށްވެސް ބައެއް ފަރާތްތަކުން އެއްބަސްވެފައިވޭ." ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ ވިދާޅުވިއެވެ.ފެނަކައިން ކަރަންޓްގެ ޚިދުމަތް ދެމުންގެންދަވާ މި 41 ޖަނެރޭޓަރގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ބޭނުންވާ ސްޕެއަރއަށް އޯޑަރ ކުރެވިފައިވާކަމަށް އެކުންފުނިން ބުނެއެވެ. އަދި މާލެއިން ގަންނަން ހުރި ބައެއް ސްޕެއަރތައް ގަނެ، ރަށްރަށަށް ފޮނުވުމުގެ މަގުމަތީގައިވާ ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.