ވިޔަފާރި

ދަނބިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް އިފްތިތާހްކޮށްފި


ސަރުކާރުން ކުރިއަށްގެންދަވާ މެރިކަލްޗަރ އެންޓަރޕްރައިޒް ޕްރޮޖެކްޓްގެ ދަށުން ހައްދުންމަތީ ދަނބިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް އިފްތިތާޙްކުރައްވައިފިއެވެ.

ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ޤާއިމްކުރައްވައި، ތަރައްޤީކުރެއްވުމުގެ މަގުފަހި ކުރެއްވުމަށް އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް – އިފާޑް- އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގުޅިވަޑައިގެން 5 އަހަރުދުވަހުގެ މައްދަތަށް ހިންގަވާ "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ހައްދުންމަތީ ކަލައިދުއާއި ދަނބިދުއަށް އަމާޒުކުރައްވައިގެން ކުރިއަށްގެންދަވާ ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ދަނބިދޫގައި އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ މުހައްމަދު ޝައިނީއެވެ.

ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތަކީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ތަރައްޤީކުރެއްވުމާއި، މަސްވެރިކަމުގެ ދާއިރާއިން ވަޒީފާއާއި އާމްދަނީގެ ފުރުސަތުތައް ތަނަވަސްކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ކުރިއެރުން ލިބިގެންދާނެ ކަމެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރައްވައެވެ.

ހައްދުންމަތީގައި އިފްތިތާހް ކުރެއްވި ހުއިފިލަނޑާ ބޮޑުކުރުން ތަޖްރިބާ ކުރުމުގެ މަސައްކަތަކީ މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް، މި މަޝްރޫޢުގެ ދަށުން ލުއި ލޯނުގެ ގޮތުގައި މަސައްކަތަށް ބޭނުންވާ ކޮށްޓާއި ކުދި ހުއިފިލަނޑާ ފޯރުވައިދެއްވައި، އަދި މަސައްކަތް ކުރުމަށް ބޭނުންވާ ތަމްރީން ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެއް ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ކުދި ހުއިފިލަނޑާ އަދި މަސައްކަތުގެ އަމަލީ ތަމްރީން ފޯރުކޮށްދެއްދެނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހުއިފިލަނޑާ އާލާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކުންފުންޏެއްކަމަށްވާ ބަރަކާތުލް ބަޚްރު ޕްރައިވެޓް ލިމިޓެޑުންނެވެ.

މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން އިސްދޫ ކަލައިދޫ އަދި ދަނބިދޫން 100 ފަރާތަކަށް ފުރުސަތު ދެއްވުމަށް ވަނީ ހަމަޖައްސަވާފައެވެ. އަދި ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ލޯނަށް އެދުމުގެ ފުރުޞަތު މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުއްވާލެއްވުމުން، ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ދަނބިދޫއާއި ކަލައިދޫއިން ލޯން ދެއްވުމަށް ޖުމުލަ 30 ފަރާތެއް މިހާރުވަނީ ކަނޑައަޅުއްވާފައެވެ.