އަޙުމަދިއްޔާ އިންޓަނޭޝެނަލް ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދެ ދަރިވަރުންނަށް އާމިނަތު ރިފްޒާއާއި ފާތިމަތު ނަޝާ ޢަލީ ހޮވިއްޖެއެވެ.
އަޙުމަދިއްޔާ އިންޓަނޭޝެނަލް ސްކޫލްގެ 2015 ވަނަ އަހަރުގެ ނަތީޖާ ފާޅު ކުރުމަށް ބޭއްވި ޖަލްސާގައި މިދިޔަ އަހަރު އެސްކޫލުން އެކިގޮތްގޮތުން ފާހަގަކުރެވުނު ދަރިވަރުންނަށް ވަނީ އިނާމު ދީފައެވެ. މިގޮތުން މިދިޔައަހަރު ބޭއްވި އިމްތިހާންތަކުން ދުނިޔެއިން ވަނަވަނަ ހާޞިލްކުރި ދަރިވަރުންނަށާއި، އޯލެވެލް އަދި އޭލެވެލްއިން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށާއި ސްކޫލަށް ރީތިނަން ހޯދައިދިން ދަރިވަރުންނަށް ވަނީ އިނާމާއި ހަނދާނީ ލިޔުންދީފައެވެ. އަދި ޓްރެވަލް އެންޑް ޓޫރިޒަމުން ދުނިޔޭގެ ގަދަ ދިހައެއްގައި ހިމެނުނު އެސްކޫލްގެ 3 ދަރިވަރުންނަށް އައިޓީއެލް ވާރލްޑުން ވަނީ އިނާމު ދީފައެވެ.
މިދިޔަ އަހަރު އެސްކޫލުން ހަޔަރ ސެކެންޑަރީއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ގްރޭޑް ބާރަ އީގައި ތައުލީމް ހާޞިލްކުރި އާމިނަތު ރިފްޒާއެވެ. ސެކަންޑަރީން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ މިދިޔަ އަހަރު އެސްކޫލްގެ ގްރޭޑް ދިހައެއް އޭގައި ތައުލީމް ހާޞިލްކުރި ފާތިމަތު ނަޝާ ޢަލީއެވެ.
img:http://s2.psmnews.mv/images/660x400/14760017397121.jpg|މިދިޔަ އަހަރު އަޙްމަދިއްޔާއިން، ސެކަންޑަރީން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ފާތިމަތު ނަޝާ ޢަލީ- ފޮޓޯ: ޕީއެސްްއެމް
މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގެ ނަތީޖާއަށް ބަލާއިރު ރާއްޖޭގެ ލާމަސީލް ސްކޫލަކީ އަޙްމަދިއްޔާ އިންޓަރނޭޝެނަލް ސްކޫލްކަމަށެވެ.
" އެސްކޫލަކީ އެތަނަށް ވަންނަ ކޮންމެ ދަރިވަރަކަށް އަޅާލެވިގެން ތަޢުލީމާއި ތަރުބިއްޔަތު ފޯރުކޮށްދޭ ޢިލްމީ ކިއްލާއެއް. ރާއްޖޭގެ ސްކޫލް ތަޢުލީމް ނިންމާ އިމްތިހާން ތަކުން 2000 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ރަންވަނަ ތަކެއް ހޯދަމުން އަންނަ ޢިލްމީ ބިނާއެއް. ވޭތުވެދިޔަ އަހަރުތަކުގެ ސްކޫލް އިމްތިހާންތަކުގެ ނަތީޖާތަކަށް ބަލާއިރު އަޅުގަނޑުމެންނަށް ދެންނެވޭނީ މިއީ މިރާއްޖޭގެ ލާމަޞީލް ސްކޫލޭ" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ވޭތުވެދިޔަ އަހަރުވެސް އެސްކޫލުންވަނީ ރަންވަނަތަކެއް ހާޞިލްކޮށްފައެވެ. މިގޮތުން މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުން 5 މާއްދާއަށްވުރެ މަތިން އެސްކޫލުގެ 82.6 އިންސައްތަ ކުދިންވަނީ ފާސްވެފައެވެ. މީގެތެރެއިން 45 ކުދިން ވަނީ ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައެވެ. އަދި މިދިޔައަހަރު ބޭއްވި އޭލެވެލް އިމްތިހާނުން އެސްކޫލްގެ 15 ދަރިވަރަކު ވަނީ ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައެވެ. އެސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ، އެސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަންކަމަށާއި މިކަން ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ.
"އަޅުގަނޑުމެންގެ ސްކޫލްގެ ބަތަލުން ކުލަގަދަ އަދި ހައިރާން ކުރަނިވި ނަތީޖާތަކެއް ހޯދިކަމުގައި ވިޔަސް އަޙުމަދިއްޔާއަށް ދަތިތަކެއް ނެތްވާހަކަ ދެންނެވޭކަށް ނެތް. އަޙުމަދިއްޔާއަށްވެސް ގޮންޖެހުންތަކެއްވެސް އެބަހުރި. ދަތިތަކެއްވެސް އެބަހުރި. އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރާނީ ޖާގައިގެ ދަތިކަން. މިކަމަށް ހައްލެއް ހޯދުމަކީ އެހާމެ އުނދަގޫ ދަތިކަމެއް ކަމުގައި ވިޔަސް މިކަމުގައި އަޙުމަދިއްޔާއަށް އަލިމަގެއް ފެންނާނެކަމުގެ އިޝާރާތެއް އަޅުގަނޑަށް ވަނީ ލިބިފަ. މިކަމަށް ހައްލެއް ލިބިއްޖެނަމަ އަޙުމަދިއްޔާއިން ޖާގަހޯދަން ކިޔުގައިތިބި ފަރާތްތަކަށް މިކަމުން ލުޔެއް ލިބޭނެކަމަށް އުންމީދުކުރަން" އަޙުމަދިއްޔާ އިންޓަނޭޝެނަލް ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.
މިދިޔަ އަހަރު އެސްކޫލްގައި 2628 ދަރިވަރުން ތަޢުލީމް ހާޞިލްކުރިއިރު 125 ޓީޗަރުން މިކުދިންނަށް ކިޔަވައިދެއްވުމުގައި ހަރަކާތްތެރިވެފައިވެއެވެ. އަހުމަދިއްޔާ ސްކޫލް އިންޓަރނޭޝެނަލް ސްކޫލަކަށް ބަދަލުވީ 2015 ވަނަ އަހަރުއެވެ.