ވިޔަފާރި

ބޮޑު ޗުއްޓީއާ ދިމާކޮށް ގިނަ ޢަދަދެއްގެ ބަޔަކު އިންޑިއާއަށް!


ބޮޑު ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އިންޑިއާއަށް ދިޔުމަށް ޓިކެޓް ގަންނަމުންދާ ކަމަށާއި، މިހާރު އަށްޑިހަ އިންސަތަ ޓިކެޓް ވިކި ހުސްވެފައިވާކަމަށް މޯލްޑިވިއަނުން ހާމަކޮށްފިއެވެ.

ޕީއެސްއެމްއާ ވާހަކަދައްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ހާރިސް ވިދާޅުވީ ކުރިއާ ޙިލާފަށް ދިވެހިން މިހާރު ޗުއްޓީ ކުރިއާލައި ޕްލޭން ކުރާކަން ފާހަގަކުރެއްވޭ ކަމަށެވެ. އެގޮތުން މޯލްޑިވިއަނުން އިންޑިއާއަށް ކުރާ ދަތުރުތަކަށް މިއަހަރުގެ ބޮޑު ޗުއްޓީ ކަމަށްވާ، ނޮވެމްބަރ އަދި ޑިސެމްބަރު މަހަށް މިހާރު މީހުން ޓިކެޓް ނަގަމުންދާ ކަމަށެވެ.

އަދި އެ ދުުވަސްވަރު އިންޑިއާއަށް ކުރުމަށް ހަމަޖައްސާފައިވާ ދަތުރުތަކުގެ 80 އިންސައްތަ ޓިކެޓް މިހާރު ވިކިފައިވާއިރު، ޑިމާންޑް އޮތްވަރެއް ބެލުމަށްފަހު އެދުވަސްވަރު މޯލްޑިވިއަނުން އިތުރު ދަތުރުތައް އިންޑިއާއަށް ކުރާނެ ކަމަށްވެސް ހާރިސް ވިދާޅުވިއެވެ. ރާއްޖޭގެ ޤައުމީ އެއާރލައިން މޯލްޑިވިއަނުން، އަންނަނީ އިންޑިއާގެ ޓްރެވެންޑްރަމް އަދި ޗެނާއީއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ ޑާކާ އަށާއި، ތައިލޭންޑްގެ ބެންކޮކަށް އަދި ޗައިނާގެ 6 ސިޓީއަކަށްވެސް މޯލްޑިވިއަންގެ ދަތުރުތައް ކުރެއެވެ.