ޚަބަރު

ގެއްލުނު ޑައިވަރުން ހޯދަން ފިންލެންޑުގެ 3 ޑައިވަރުން ހިމެނޭ ޓީމެއް ރާއްޖެއަށް


  • ޑައިވަރުންގެ ޓީމު އައީ އެ ކަމަށް ބޭނުންވާނެ އާލާތްތަކާއެކު

  • އޮޕަރޭޝަން ގެންދާނެ ގޮތާއި ގުޅޭގޮތުން ކޯސްޓްގާޑާއެކު ދަނީ މަޝްވަރާކުރަމުން

ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރުމަށް ފިންލެންޑުގެ ތަޖުރިބާކާރު 3 ޑައިވަރުން ހިމެނޭ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ. މި މީހުން ރާއްޖެ އައިސްފައިވަނީ، މިއަދުއެވެ.

ފިންލޭންޑްގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމު ރާއްޖެ ފޮނުވާފައިވަނީ، އިޓަލީ ސަރުކާރުންނެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ އިސް ތަރުޖަމާން މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ، ފިންލޭންޑުގެ ޑައިވަރުންގެ ޓީމު މިހާރު ދިވެހި ކޯސްޓްކާޑާއި ބައްދަލުކޮށްފައިވާ ކަމަށެވެ. އޮޕަރޭޝަން އަލުން ފަށާނީ ކޮން އިރަކުތޯއާއި އަދި މިކަމުގައި ގެންގުޅޭނެ ސްޓްރެޓެޖީތަކާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. މި ޑައިވަރުންގެ ޓީމު ރާއްޖެ އައިސްފައިވަނީ، އެކަމަށް ބޭނުންވާނެ އާލާތްތަކާއިވެސް އެކުގައެވެ.

މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ، މި އޮޕަރޭޝަންގައި އުޅެނިކޮށް އެމްއެެންޑީއެފްގެ ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ސްޓާފް ސާޖަންޓް މުޙައްމަދު މަޙުދީ ނިޔާވުމާ ގުޅިގެން އޮޕަރޭޝަން މިވަގުތަށް މެދުކަނޑާލާފައިވާ ކަމަށެވެ.

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްއިން ވަނީ، އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ފަށާފައެވެ.

މި ޙާދިސާގައި ގެއްލިފައިވަނީ، އެ އުޅަނދުން ޑައިވިންގއަށް ދިޔަ އިޓަލީގެ ޑައިވިންގ އިންސްޓްރަކްޓަރަކާއި، 4 ޑައިވަރުންނެވެ. އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ، ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. މި ޙާދިސާއާ ގުޅިގެން ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ، ޑައިވަރުން ދަތުރުކުރި އުޅަނދުގެ ލައިސަންސް ހިފަހައްޓާފައެވެ.