ތަރައްްޤީ

ޝަރުޢީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކެއް


ޝަރުޢީ ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން މިއަހަރުގެ މިހާތަނަށް 14 މެޖިސްޓްރޭޓް ކޯޓްގެ އާ ޢިމާރާތް ނިންމަވައި ބޭނުންކުރައްވަން ފަށްޓަވާފައިވާކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކުރައްވައިފިއެވެ.

އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓްތައް އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވައި، އެކޯޓްތަކުގެ ޖާގައިގެ ދަތިކަށް ޙައްލުކޮށްދެއްވުމަށް ޝަރުޢީ ދާއިރާއިން ގެންދަވަނީ އިތުރު 9 ކޯޓެއްގެ އައު ޢިމާރާތް ބިނާކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. މީގެ ތެރެއިން 7 ޢިމާރާތުގެ މަސައްކަތް ނިމުމަކާ ހިސާބަށް އައިސް، މިހާރު ކުރިއަށްދަނީ ފިނިޝިންގް މަސައްކަތް ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.

މި 9 ޢިމާރާތުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ނިންމަވައި ބޭނުންކުރައްވަން ފެއްޓެވޭނެކަމަށް ޖުޑީޝަރީން ވިދާޅުވެއެވެ. މި ޢިމާރާތްތައް ބޭނުންކުރައްވަން ފެއްޓެވުމާއެކު މިއަހަރު ތެރޭގައި ޢިމާރާތް ކުރައްވައި ބޭނުންކުރައްވަން ފެއްޓެވި މެޖިސްޓްރޭޓް ކޯޓްތަކުގެ އައު ޢިމާރާތުގެ ޢަދަދު 23 އަށް އަރާނެއެވެ. މިއަހަރުގެ މިހާތަނަށް ނިމި ބޭނުންކުރައްވަން ފަށްޓަވާފައިވާ 14 މެޖިސްޓްރޭޓް ކޯޓްގެ އާ ޢިމާރާތްތަކަކީ 9 އަތޮޅުގެ އެކި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓް ޢިމާރާތްތަކެވެ.

ޝަރުޢީ ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް ކުރަށްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން މާލެ އަދި ހުޅުމާލޭގެ އިތުރުން ހދ.ކުޅުދުއްފުށީގައިވެސް މިއަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުން މާލޭގެ ޖަސްޓިސް ބިލްޑިންގަށް ބަދަލުތަކެއް ގެންނަވައި ކްރިމިނަލް ކޯޓްގެ ޖާގަ ބޮޑުކުރެއްވުމަށްޓަކައި ކުރީގެ އެސްޓީއޯ ހެޑްއޮފީސް ހުރި ޢިމާރާތަށް ބަދަލުކުރައްވާފައިވެއެވެ. އަދި ހައިކޯޓްގެ އުތުރު ގޮފި ޢިމާރާތްކުރެއްވުމުގެ މަސައްކަތް ހދ.ކުޅުދުއްފުށީގައި ފަށްޓަވައި ނިންމަވާފައިވެއެވެ. މީގެ އިތުރުން ހުޅުމާލޭގައި އަލަށް ޤާއިމުކުރެއްވި ސިވިލް ކޯޓްގެ ޑިވިޝަންގެ ޢިމާރާތުގެ މަސައްކަތް ކުރައްވާފައިވެއެވެ.