އާދިއްތަ ދުވަހުން ފެށިގެން އާންމުކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައިޖެހޭ ބާރުމިން މަޑުވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ހަފުތާ ބަންދު ދެދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށް ވިދާޅުވިއެވެ.
މުސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ދަނީ ސަމާލުތައް ނެރެމުންނެވެ. އެގޮތުން ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގއަި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިހާރުވެސް ވަނީ ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ ކ އަތޮޅުން ފެށިގެން ގދ އަތޮޅަށް މިއަދު 14:00 އިން 19:00 އަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ހުކުރު އަދި ހޮނިހިރު އެ ދެދުވަހުވެސް އާންމުކޮށް ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެކަމަށެވެ. އަދި އާންމުކޮށް ހުރިހާ ހިސާބަކަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އާދިއްތަ ދުވަހުން ފެށިގެން ކަނޑުތައް މަޑުވާނެކަމަށާއި، ވައި ޖެހޭ ބާރުމިން މަޑުވާނެކަމަށްވެސް ވިދާޅުވިއެވެ.
މި ދުވަސްވަރު ރާއްޖެއަށް ވައިގަދަވެ ވިއްސާރަ ކުރާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދެއްވާފައެވެ. ވަކިން ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.