ޚަބަރު

31 ވަނަ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ނިމިއްޖެ


އެއްތިރީސްވަނަ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ރޭ ނިންމަވާލައްވައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ފެށްޓެވި މިމުބާރާތުގައި 183 ބައިވެރިޔަކު ކިޔަވާފައިވެއެވެ.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ސަރުކާރުން ބާއްވަވަމުން ގެންދަވާ މުބާރާތެކެވެ. އޭރު މި މުބާރާތް ބާއްވަވާފައިވަނީ މަޢުހަދުއްދިރާސާތުއް އިސްލާމިއްޔާއިންނެވެ. އެހެންނަމަވެސް 1985 ވަނަ އަހަރު ސަރުކާރުން ވަނީ ޤުރުއާން މުބާރާތް ރާއްވަވާ އިންތިޒާމުކުރެއްވުމަށް މިހާރުގެ ޤުރުއާނާބެހޭ މަރުކަޒާ ހަވާލުކުރައްވާފައެވެ.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ބޭއްވެވުމުގެ މައިގަނޑު މަޤްޞަދަކީ، ކީރިތި ޤުރުއާނާމެދު ޢާންމުންގެ ހިތުގައި ލޯބިޖައްސުވައި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކުރައްވައި، އިސްލާމީ ވަޙްދަތު ދިރުވައި ކުރިއެރުއްވުމެވެ.

ޤުރުއާނާ ބެހޭ މަރުކަޒުން ވިދާޅުވީ، 4 ދުވަހަށް ކުރިއަށް ގެންދެވި މިމުބާރާތުގައި ޖުމްލަ 183 ބައިވެރިޔަކު ކިޔަވާފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ހިތުން ކިޔެވުމުގެ ބައިގައި 52 ކެންޑިޑޭޓުން އަދި ބަލައިގެން ކިޔެވުމުގެ ބައިގައި 131 ކެންޑިޑޭޓުންނެވެ. 

ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްޛާޒު އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ، މުބާރާތުގެ ނަތީޖާ ފާޅުކުރެއްވުމަށް ބާއްވާ ޙަފްލާ ބާއްވާނެ ތާރީޚް ފަހުން ހާމަކުރައްވާނެ ކަމަށެވެ. އަދި ވަނަ ދިނުމުގައި އަންހެން ފިރިހެން މި ދެބައިން ވަކިވަކިން ވަނަ ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޤުރުއާނާ ބެހޭ މަރުކަޒު ރައީސް ވިދާޅުވިއެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މުބާރާތުގައި ކެންޑިޑޭޓުން ބައިވެރިވެފައިވަނީ އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި، އިސްލާމް ދީނަށް ޚިދުމަތްކުރާ ކްލަބް ޖަމްޢިއްޔާ ޖަމާއަތްތައް މެދުވެރިކޮށެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަށް އެއްވެސް އުމުރުފުރާއެއް ކަނޑައަޅުއްވާފައިނުވާއިރު، މުބާރާތް ބާއްވަވާފައިވަނީ ޢާންމުކޮށް އެންމެނަށް ބައިވެރިވެވޭ ގޮތަށެވެ. އެގޮތަށް ހަމަޖެއްސެވީ ވީހާވެސް ގިނަބަޔަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވުމުގެ ގޮތުން ކަމަށް ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވެއެވެ. 

ޤުރުއާނާބެހޭ މަރުކަޒު ސަރުކާރުން އުފައްދަވާފައިވަނީ 2000 ވަނަ އަހަރުއެވެ.