ޚަބަރު

މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި


"ރިއްމަސް" ނަމަކަށް ކިޔާ ދޯންޏެއް ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އިއްޔެ ފަތިހު 04:00 ގައި އދ.ކުނބުރުދޫ އިން މަސްވެރިކަމަށް ނިކުތް މި ދޯނީގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ އިއްޔެ ހެނދުނު 10:00 ހާއިރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. އަދި މި ދޯނީގެ ޚަބަރެއް އެންމެ ފަހުން ވީ އިރު، އދ.މަހިބަދޫ ދެކުނު ކަނޑާއި ދިމާލުން ނުކުމެގެން އދ. މާމިގިލި ކަނދުފައްޗަށް މަސްވެރިކަމަށް ދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް މި ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑުން މަޢުލޫމާތުދެއްވައެވެ. 

މި ދޯންޏަކީ ދިގުމިނުގައި 43 ފޫޓްހުރި އަދި އޮޑިގަނޑުގައި ގަދަ ނޫކުލަ އަދި ހުދުކުލައިގެ ގެ ގަނޑެއް ލާފައިހުރި ދޯންޏެއް ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

މިއުޅަނދާއި ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަށާއި ފެކްސް ކުރައްވާނަމަ 3391665 ނަންބަރަށް ފެކްސް ކުރެއްވުމަށް އެމްއެންޑީއެފުން އެދިވަޑައިގަންނަވައެވެ.