ޚަބަރު

ކައުންސިލް އިންތިޚާބުގައި 506 ގޮނޑިއަށް އެމްޑީޕީން ވާދަކުރަނީ


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި 506 ގޮނޑިއަށް ވާދަކުރުމަށް ނިންމައި، އަންނަމަހުގެ ތެރޭގައި ޕްރައިމެރީ ބާއްވާނެކަމަށް އެމްޑީޕީން ބުނެފިއެވެ.

އިދިކޮޅު އެމްޑީޕީން ބުނީ އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނީ އެޕާޓީއާއި ޢަދާލަތު ޕާޓީ ގުޅިގެން ކަމަށެވެ. މިގޮތުން އެމްޑީޕީން %77 ގޮނޑިއަށް ވާދަކުރާއިރު ޢަދާލަތުން ވާދަކުރާނީ %23 ގޮނޑިއަށް ކަމަށް އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައިވެއެވެ.

ކައުންސިލް އިންތިޚާބުގައި، ރަށު ކައުންސިލްގެ 437 ގޮޑިއަށާއި އަތޮޅު ކައުންސިލްގެ 54 ގޮނޑިއަށާއި ސިޓީ ކައުންސިލްގެ 20 ގޮނޑިއަކަށް އަދާލަތު ޕާޓީއާ ގުޅިގެން ވާދަކުރާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

ގޮނޑިތަކަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ޕާޓީ ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމުގެ ވޯޓްނަގަން އަންނަ މަހުގެ 17 ވަނަ ދުވަހު ފަށާނެކަމަށްވެސް އެމްޑީޕީން މިއަދު ޢިއުލާން ކޮށްފައިވެއެވެ. މުޅި ރާއްޖެ 3 ބަޔަކަށް ބަހާލައިގެން ބާއްވާ މި ޕްރައިމެރީ ކުރިޔަށް ގެންދާނީ ނޮވެމްބަރ މަހުގެ 17 ން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ރާއްޖޭގައި ބާއްވަވަން އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މިފަހަރު ހޮއްވެވުމަށް ހަމަޖެހިފައިވަނީ 651 ކައުންސިލަރުންނެވެ.