ޚަބަރު

ޓެކްސީ އެޕް އަންނަ ހަފުތާގައި ބޭނުންކުރަން ފަށަނީ


  • އެޕަލް ސްޓޯއިން މިހާރު ވަނީ އެޕް އެޕްރޫވްކޮށްފައި

  • އަންނަ ހަފުތާގައި އެޕް ސްޓޯއިން ވެސް އެޕް އެޕްރޫވްކުރާނެ

އެމްޓީސީސީން ދެމުންގެންދާ ޓެކްސީ ލައިންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ މޯބައިލް އެޕްލިކޭޝަން، އަންނަ ހަފުތާގެ ތެރޭގައި އާންމުންނަށް ބޭނުންކުރަން ފެށޭނެ ކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދަތުރުފަތުރާ ބެހޭ ވަޒީރު ސަޢީދު ވިދާޅުވީ އެމްޓީސީސީގެ ޓެކްސީ ލައިން އެޕްލިކޭޝަން މިހާރު އެޕަލް ސްޓޯރއިން އެޕްރޫވްކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެޕް ސްޓޯރއިން އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. މިވަގުތު މި ޚިދުމަތް ދެމުންދަނީ ވެބް ބޭސްޑް އެޕްލިކޭޝަނެއްގެ ޒަރިއްޔާއިން ކަމަށްވީ ނަމަވެސް، މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ސީދާ ބުކިން ހެދޭނެ އިންތިޒާމު ހަމަޖެހުމުން ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސަރުކާރުން މަސައްކަތް ކުރަނީ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް. ސަރުކާރަކުން ނޫން ކޮންމެ ބައެއް ފެށިއަސް ރަނގަޅު ކުރަން ހުންނަ ކަންތައްތައް ހުންނާނެ. އެކަންތައްތައް ރަނގަޅުކުރުމުގެ މަސައްކަތްތައް މިހާރު އެކުރަމުންދަނީ ވުޒާރާއާއި އެމްޓީސީސީން ގުޅިގެން. އެޕްލިކޭޝަންގެ ޒަރިއްޔާއިން ޚިދުމަތް ދޭން ފެށުމުން މައްސަލަތައް މަދުވެ، ޓްރަބަލް ފްރީ ޚިދުމަތެއް ލިބިގެންދާނެ." ވަޒީރު ވިދާޅުވިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޓެކްސީއަކަށް އެދި ގުޅާ ހިސާބުން ފެށިގެން ކާރު ލިބުމާ ހަމައަށް އެވްރެޖްކޮށް ހޭދަވަނީ 8 މިނެޓެވެ. އަދި ކޮންމެ ދަތުރެއްގެ ދިގުމިން އެވްރެޖްކޮށް 12.2 މިނެޓުގައި އުޅޭއިރު، ޚިދުމަތަށް އޮތް ޑިމާންޑް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެޕްރީލް 13 އިން 18 އަށް އެކަނިވެސް 11,128 ދަތުރު ކޮށްފައިވާކަން އެމްޓީސީސީން ފާހަގަކުރެއެވެ.

މީގެ އިތުރުން، ވެބް އެޕްލިކޭޝަން ލޯންޗުކުރި ފަހުން އެޕްރީލް 18 އިން މެއި 1 އާ ހަމައަށް 7,251 ދަތުރު ނަގާފައިވާ ކަމަށް އެމްޓީސީސީގެ ހިސާބުތަކުން ދައްކައެވެ. މާލޭގެ ދަތުރުތަކަށް ބަލާއިރު، ޚިދުމަތް ފެށީއްސުރެ ދަތުރުތައް ނަގާ މިންވަރު %50 އިތުރުވެފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ މަޤުސަދުގައި ސަރުކާރުން ފެށި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ، މިމަހުގެ 2ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

އެމްޓީސީސީން ވިދާޅުވީ، ވެބްސައިޓްގެ އިތުރުން، މާލެ ޓެކްސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރުމުގެ ފުރުޞަތު މިހާރުވެސް ހުޅުވާލާފައިވާއިރު، ދަތުރުފަތުރާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ އަގުތަކަށް ދަތުރުތައް ކުރަމުންދާނެ ކަމަށެވެ.