ޚަބަރު

ރާއްޖެ ޓީވީން މަޢާފަށް އެދުމުން މަޤްޞަދު ޙާޞިލްވި - ޔަޒީދު


ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދުގެ އަބުރުގެއްލޭގޮތަށް ރާއްޖޭގެ މީޑިއާއަކުން ފެތުރި ވާހަކަތަކާ ގުޅިގެން އެކަން ކުރި ފަރާތާ ދެކޮޅަށް އަބުރުގެ ދަޢުވާކުރެއްވުމާ ގުޅިގެން އެފަރާތުން ޢާންމުކޮށް މަޢާފަށް އެދި ކުށް ރަނގަޅުކޮށްފައިވާތީ މައްސަލަ ހުށައެޅި މަޤްޞަދު ޙާޞިލްވެފައިވާ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްކަމަށްވާ ރާއްޖެ އެމްވީ އާއި ރާއްޖެ ޓީވީން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދުގެ މައްޗަށް ޓެކްސްއަށް މަކަރު ހެދިކަމުގެ ތުހުމަތު އެއްވެސް ހެއްކަކާ ނުލައި ކޮށްފައިވެއެވެ. ރާއްޖެ ޓީވީއާއި ރާއްޖެ އެމްވީން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު ޓެކްސްއަށް މަކަރު ހެއްދެވިކަމަށް ތުހުމަތުކޮށް، އެކަށީގެންވާވަރުގެ ހެއްކެއްނެތި ލިޔެ ބްރޯޑްކާސްޓްކޮށްފައިވާ ލިޔުމުގައި ވަނީ ރެހެންދި ފްލެޓްގައި ހުރި ޔަޒީދުގެ އެޕާޓްމެންޓެއް ކުށްޔަށް ދެއްވާފައިވަނީ މީރާގައި ރަޖިސްޓްރީކުރުމަކާ ނުލައި ދައުލަތަށް ޓެކްސް ނުލިބޭގޮތަށް ކަމަށެވެ. އަދި މިކަމަށް ރިޢާޔަތްކޮށް ޔަޒީދު ޓެކްސްއަށް "ފިއްލަވައިގެން" އުޅުއްވާކަމަށް ތުހުމަތުކޮށްފައިވެއެވެ. އެހެންނަމަވެސް ރެހެންދި ފްލެޓްގައި ހުރި ޔަޒީދުގެ އެޕާޓްމެންޓް ކުއްޔަށް ދެއްވާފައިނުވާކަމުގެ ހެއްކާއެކު ކޯޓަށް ހުށައަޅުއްވައި، އެ އެޕާޓްމެންޓްގެ ޔުޓިލިޓީ ބިލްތަކުގެ ޢަދަދުތަކުންވެސް އެ އެޕާޓްމެންޓްގައި މީހަކު އުޅެފައި ނުވާކަން ހާމަވެފައިވާ ކަމަށް ޔަޒީދުގެ ވަކީލު ޝަހުދީ އަންވަރު ވިދާޅުވިއެވެ.

މީގެ ދެމަސްދުވަސް ކުރިން ރާއްޖެ އެމްވީގައި ޝާއިޢުކޮށް ރާއްޖެޓީވީން ބްރޯޑްކާސްޓްކުރި މި ޚަބަރާ ގުޅިގެން ކޮމިޝަނަރަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު ރާއްޖެ ޓީވީގެ މައްޗަށް، މާ ކުރިއްސުރެވެސް ޢަމަލުކުރަމުން އަންނަ އަބުރާބެހުމާގުޅޭ ޤަވާޢިދުގެ ދަށުން އަބުރުގެ ދަޢުވާ ކުރެއްވުމުން ސިވިލް ކޯޓްގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަންގައި ދެފަރާތުން ވާހަކަދައްކައިގެން ސުލްޙަވެރި ޙައްލެއް ހޯއްދެވުމަށް ކުރެއްވި މަޝްވަރާތަކުގައި، ރާއްޖެ ޓީވީގެ ފަރާތުން ފެތުރި އެ މަޢުލޫމާތަކީ ދޮގު މައުލޫމާތެއް ކަމަށް އެފަރާތުން އެއްބަސްވެފައިވާ ކަމަށް ޔަޒީދުގެ ވަކީލު ޝަހުދީ އަންވަރު ވިދާޅުވިއެވެ. މި ޚަބަރުގައި ހިމަނާފައިވާ މަޢުލޫމާތަކީ ތެދުނޫން މައުލޫމާތެއް ކަމަށް ބުނެ، ޚަބަރު އުފައްދައި ބްރޯޑްކާސްޓުކޮށް، ޝާއިޢުކުރި ފަރާތުން ޢާންމުކޮށް ނޫސްބަޔާނެއް ނެރެ، ރާއްޖެ ޓީވީން ބްރޯޑްކާސްޓްކޮށް މަޢާފަށް އެދިފައިވެއެވެ. އަދި އެފަދަ މަޢުލޫމާތެއް ފަތުރާފައިވަނީ މަޢުލޫމާތު ދިން ފަރާތުން ނުބައި މައުލޫމާތު ދީފައިވާތީ ކަމަށް ރާއްޖެ ޓީވީން ނެރުނު ނޫސްބަޔާނުގައި ބަޔާންކޮށްފައިވެއެވެ. ޑިސްޕިއުޓް ރިޒޮލިއުޝަންގައި ކުރިއަށްދާ މި މައްސަލައިގައި ދެފަރާތުން އެއްބަސްވާ ގޮތެއް ކަނޑައެޅި ދެން އަންނަ އަޑުއެހުމެއްގައި ގޮތެއް ނިންމޭނެ ކަމަށް ޔަޒީދުގެ ވަކީލް ޝަހުދީ އަންވަރު ވިދާޅުވިއެވެ.

މި މައްސަލަ ޔަޒީދުގެ ފަރާތުން ކޯޓަށް ހުށައެޅުއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ އަބުރަށް ހުތުރުވާގޮތަށް އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި ދޮގު މަޢުލޫމާތު ފެތުރުމާއި، މިކަމަކީ އެހެން ފަރާތްތަކުން ޓެކްސްއަށް މަކަރު ހެދުމަށް ހިތްވަރު ލިބި، ޓެކްސްގެ ނިޒާމަށް ޢާންމުން ކުރާ އިތުބާރު ގެއްލިދާނެ ކަމެއް ކަމަށް ވެދާނެތީ ކަމަށް ޔަޒީދުގެ ވަކީލު ޝަހުދީ އަންވަރު ވިދާޅުވިއެވެ.

މިފަދަ ދޮގު މަޢުލޫމާތު ފެތުރުމަކީ ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ ކޯޑް އޮފް އެތިކްސްއާ ޚިލާފު ކަންކަމެވެ. ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ އަބުރަށް ހުތުރުވާގޮތަށް ދޮގު މައުލޫމާތު ރާއްޖެ ޓީވީން ފަތުރާފައިވާ ކަމަށް ބުނާ މައްސަލައެއް އެ ކޮމިޝަނުންވެސް ބައްލަވަމުން ގެންދަވާ ކަމަށެވެ.

މި މައްސަލައަކީ އަބުރު ރައްކާތެރި ކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ފެންމަތިވި މައްސަލައެކެވެ.