ތަޢުލީމު

ޢިލްމީ ދަރިވަރުންތަކެއް އުފެއްދުމަށް, ޤާބިލް ޓީޗަރުން ބިނާކުރުން


ތަޢުލީމީ ޤާބިލް ދަރިވަރުން އުފެއްދުމަށް ދޭ ސަމާލުކަމާއި އެއްވަރަށް ޓީޗަރުން ބިނާކުރުމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ޚާއްސަ ސަމާލުކަމެއް ދެއްވައެވެ. އެގޮތުން ޓީޗަރުންގެ ފަންނުވެރިކަން ތަރައްޤީކޮށް، ކިޔަވައިދިނުމުގެ އައު އުކުޅުތަކަށް ޓީޗަރުން އަހުލުވެރިކުރުމުގެ މަަސައްކަތް ފާހަގަކޮށްލެވެއެވެ.

ސްކޫލްތަކުގައި ކިޔަވައިދެމުންދާ ޓީޗަރުންނަކީ ތަމްރީނުވެފައިވާ ޤާބިލްބަޔަކަށް ހެދުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، އެން.އައި.އީ އިން ދަނީ އެކި ފެންވަރުގެ ކޯސްތައް ހިންގަމުންނެވެ. މީގެތެރޭގައި ޑިގްރީ، ޑިޕްލޮމާ އަދި ސެޓްފިކެޓް ލެވެލްގެ ކޯސްތައް ހިމެނެއެވެ.

މިކޯސްތަކުގެ ތެރެއިން ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް، ހިންގާ ބެޗެލަރ އޮފް އެޑިޔުކޭޝަނަލް ލީޑަރ ޝިޕް އެންޑް މެނޭޖްމަންޓް ކޯސް 60 ފަރާތަކުން ދަނީ ފުރިހަމަކުރަމުންނެވެ. މިދިޔަ އަހަރުން ފެށިގެން ކުރިއަށްދާ މިކޯހުގައި ރާއްޖޭގެ އެކި ސްކޫލްތަކުން ބައިވެރިވެއެވެ.

އަތޮޅުތެރޭގެ ސްކޫލްތަކުގަ ޚިދުމަތުގަ ތިބި މުދައްރިސުން ނަށް، ޑިޕްލޮމާ އޮފް ޓީޗިންގ ގެ ނަމުގައި މިދިޔަ އަހަރު ކުރިއަށްގެންދިޔަ ކޯސް 42 ފަރާތަކުން ފުރިހަމަކޮށްފައިވެއެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ޚާއްޞަ އެހީ އަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ ޓީޗަރުން ބައި ތިއްބުމުގެ މަޤުޞަދުގައި އެއްއަހަރު ދުވަހަށް ޑިޕްލޮމާ އޮފް ޓީޗިންގ އިންކްލޫސިވް އެޑިޔުކޭޝަން ކޯހެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ. މިކޯސް 52 ޓީޗަރަކު ފުރިހަމަކޮށްފައިވެއެވެ. އަދި މިއަހަރު މިކޯހުގެ ދެވަނަ ބުރެއް ފަށައިގެން ކުރިއަށްދާއިރު 62 ޓީޗަރުން ދަނީ މިކޯހުގައި ކިޔަވަމުންނެވެ.

މީގެ އިތުރަށް އެޑްވާންސް ސަރޓިފިކެޓް އިން އާރލީޗައިލްޑް ހޫޑް ކެއަރ އެންޑް ޑިވޮލޮޕްމަންޓް، 12 ފަރާތެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވެއެވެ. އަދި ސަރޓިފިކެޓް 3 އިން ސްޕެޝަލް އެޑިޔުކޭޝަންގެ ނަމުގައި މިދިޔަ އަހަރު ހިންގި ކޯސް 28 ފަރާތަކުން ފުރިހަމަކޮށްފައިވާކަމަށް އެންއައިއީ ގެ ތަފާސްހިސާބުތަކުން ދައްކައެވެ.        

ރާއްޖޭގެ ސްކޫލްތަކުގައި 7500 އަށްވުރެ ގިނަ ޓީޗަރުން ކިޔަވައިދެއްވުމަށް ޙަރަކާތްތެރިވަމުންދާކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.