ވިޔަފާރި

މޯލްޑިވިއަންގެ 9 ވަނަ ސީ ޕްލޭން ރާއްޖެ ގެނެސްފި


މޯލްޑިވިއަން ސީ ޕްލޭންގެ ދަތުރުތަށް ފުޅާކުރުމަށްޓަކައި މޫދަށް ޖައްސާ އިތުރު ބޯޓެއް މިރޭ ރާއްޖެ ގެނެސްފިއެވެ.

މިއާ އެކު އެކުންފުނީގެ ސީ ޕްލޭން ފްލީޓުގެ އަދަދު ވަނީ ނުވައަކަށް އަރާފައެވެ. މި ސީ ޕްލޭން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައިވަނީ މިރޭ 7:20ގައެވެ. މޯލްޑިވިއަންގެ 9 ވަނަ ސީޕްލޭނަކީ ޑީއެޗްސީ 6 ޓުވިން އޮޓާ މަރުކާގެ ބޯޓެކެވެ.

މޯލްޑިވިއަނުން މިއަހަރުތެރޭ މޫދަށް ޖައްސާ 3 ބޯޓު ގެނެސްފައިވެއެވެ. އަދި މިއަހަރު ނިމެންވާ އިރަށް މޯލްޑިވިއަން ސީޕްލޭން ފްލީޓުގައި ހިމެނޭ އެއަރކްރާފްޓްގެ އަދަދު 10 އަކަށް އެރުވުމަށް އެކުންފުނިން ވަނީ އަމާޒް ހިފާފައެވެ. އެގޮތުން މިމަހުގެ ތެރޭގައި އަދި އިތުރު ސީ ޕްލޭނެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތުދެއެވެ.

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ސީ ޕްލޭންގެ ޚިދުމަތަށް މިއަހަރު ތެރޭ 2 އަހަރު ފުރިފައިވާ އިރު، މޯލްޑިވިއަނުން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އެކުންފުނީގެ ސީ ޕްލޭން އޮޕަރޭޝަންތައް ފުޅާކޮށް، ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ.