އަންނަ މަހު ފަށާ ވޯލްޑް ކަޕަށް އޮތް އެންމެ ބޮޑު ޖެހުމަކީ މުބާރާތް ކުޅޭ ތިން ގައުމަށް ވެސް އެންމެ ހޫނު ގަދަ ދުވަސްވަރާ ދިމާވުން ކަމަށާއި މިހެންވެ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ތައްޔާރު ވަމުން އަންނަ ކަމަށް ފީފާއިން ބުނެފި އެވެ.
މޫސުމީ ރެކޯޑްތައް އެމެރިކާގައި ބަލަހައްޓަން ފެށީ 1895ގަ އެވެ. އޭގެ ފަހުން އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯ އަށް އެންމެ ހޫނުވާނެ ކަމަށް ލަފާ ކޮށްފައިވަނީ ޖޫން ޖުލައިގަ އެވެ. މި ދުވަސްވަރު ހޫނުމިން 40 ޑިގްރީ އާއި 45 ޑިގްރީ ދެމަދަށް މަތިވާނެ ކަމަށްވެ އެވެ.
އެމެރިކާގެ ނިއުޔޯކުން ބުނީ މީގެ ސަބަބުން ރައްޔާތެރި ފިޔަވަޅުތަކާއެކު މީހުން ބޭރަށް ނުކުޅެ އުޅެން ޖެހޭ ކަމަށާއި މެޗުތައް ބަލަން ދަނޑަށް ދާއިރު ފެންފުޅި އާއި ތުވާލި ގެންދިއުން މުހިންމު ކަމަށެވެ. އަދި ސްޓޭޑިއަމްތަކުގައި އެކަށީގެންވާ ދުރު މިނެއްގައި ފެންނަ ލިބެން ހުންނަ ތަންތަން ގިނަ ކުރަން ވެސް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން މުބަރާތުގެ އިންތިޒާމްތައް ހަމަޖައްސާ ފަރާތްތަކާއި ވޮލަންޓިއަރުންނަށް ވެސް ވޯޓަ ބްރޭކް ދިނުމަށް ނިންމާނެ ކަމަށެވެ. އަދި އާއްމުންނަށް ރައްކާތެރިވުމަށް އިލްތިމާސް ކުރުމުގެ ގޮތުން އެކި ބަސްބަހުން މެސެޖްތައް ލިޔެފައި ބަހައްޓާނެ ކަމަށް ކެނެޑާއިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ފީފާއިން ބުނީ މި ފަހަރުގެ ވޯލްޑް ކަޕް ކުޅޭ ސްޓޭޑިއަމްތަކުގެ ތެރެއިން ބަންދު ކުރެވެން ހުރި ސްޓޭޑިއަމްތައް ލައްޕާލައިގެން މެޗުތައް ކުޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެކަމަށް ފީފާ އަށް ވެސް ލަފާދީފައިވާ ކަމަށެވެ.
އެމެރިކާގެ ޑަލަސްއިން ބުނީ މުބާރާތާ ދިމާކޮށް ހޫނު ގަދަވުމާއެކު ގައިންގަޔަށް ނާރާ ތަފާތު ބަލިތައް ވެސް އިތުރުވެދާނެ ކަމަށް ބެލެވޭތީވެ ކުއްލި ހާލަތުގައި ހަރަކާތްތެރިވާނެ މެޑިކަލް ޓީމުތައް ވެސް ތައްޔާރު ކުރަމުން އަންނަ ކަމަށެވެ. އަދި ބައެއް ސްޓޭޑިއަމްތަކުގައި ފިނިކުރާނެ ނިޒާމްތައް ވެސް ގާއިމް ކުރަމުންދާ ކަމަށެވެ.
އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ފަށާ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. މި ފަހަރުގެ މުބާރާތުގައި 48 ގައުމު ވާދަ ކުރެ އެވެ.