ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކެނެޑާ އޮތީ އުނދަގޫ ގްރޫޕެއްގައި ކަމަށް ކޯޗު ޖެސީ މާޝް ބުނެފި އެވެ.
އޭނާ ބުނީ ފުރަތަމަ ފަހަރަށް ކެނެޑާގައި ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ބާއްވާއިރު އެ ގައުމުގެ އެންމެން ވެސް ބޭނުންވަނީ ގްރޫޕުގެ ހުރިހާ މެޗަކުން މޮޅުވާން ކަމަށެވެ.
ކެނެޑާ ހިމެނެނީ ސްވިޒަލޭންޑާއި ބޮސްނިއާ އާއި ގަތަރާއެކު ގްރޫޕް ބީގަ އެވެ. ކޯޗު ބުނީ މި ގްރޫޕް އުނދަގޫވާ މައިގަނޑު ސަބަބަކީ ޔޫރަޕުގެ ދެ ޓީމު ހިމެނުމުން ކަމަށެވެ.
"އަހަރުމެން ވަރަށް ބޮޑަށް ތައްޔާރުވާނަން ޔޫރަޕުގެ ދެ ޓީމާމެދު. މިހެންވެ އަހަރުމެން ރޮމޭނިޔާ ފަދަ ޔޫރަޕުގެ ޓީމުތަކާއެކު ކުޅެން ބޭނުންވީ. އޭރުން ޔޫރަޕުގެ ޓީމުތައް ކުޅޭ ގޮތް ކޮންމެވެސް ވަރަކަށް ދެނެގަނެވޭނެ،" ކޯޗު ބުންޏެވެ.
މި ގްރޫޕުގައި ހިމެނޭ ގަތަރަކީ އޭޝިޔާގެ އެންމެ ފަހުގެ ދެ މުބާރާތުގެ ވެސް ޗެމްޕިއަނުންނެވެ. ނަމަވެސް ކެނެޑާގެ މީޑިއާތަކުން ބުނަނީ ގަތަރަކީ މާވަރުގަދަ ބައެއްގެ ގޮތުގައި ކެނެޑާ ނުވިސްނާ ކަމަށެވެ. ސީދާ މިހެން ނުބުނެ ކޯޗު ވެސް ބުނީ އޭނާގެ ޓީމު މުބާރާތުގެ ދެ ވަނަ ބުރަށް ދިއުން ބިނާވާނީ ފުރަތަމަ މެޗުގައި ބޮސްނިއާއާ ދެކޮޅަށް ކުޅޭ މެޗާއި ގްރޫޕުގެ ފަހު މެޗުގައި ސްވިޒަލޭންޑާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށެވެ.
ކެނެޑާ މިހާތަނަށް ވޯލްޑް ކަޕް ކުޅެފައިވަނީ ދެ ފަހަރު އެވެ. އެއީ 1986 އާއި 2022ގަ އެވެ. އެ ގައުމުގެ ގިނަ ކުޅުންތެރިން ކުޅެނީ ޔޫރަޕުގެ އާދައިގެ ލީގުތަކުގަ އެވެ.