ޚަބަރު

ހަނގުރާމައިގެ ނުތަނަވަސްކަން ޓްރަމްޕަށް ބޮޑު ނާކާމިޔާބީއަކަށް


އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުޤާނޫނީ ހަނގުރާމައިގައި އަސްކަރީ އަދި ޚާރިޖީ ނަތީޖާއެއް ނެރެވިފައިނުވާއިރު، މި ކުރިމަތިލުން ދިގުލައިގެން ގޮސް، ކުރިން އޮތް ނުރައްކަލަށްވުރެ ބޮޑު ގޮންޖެހުމަކާ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާފާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ. ސުލްޙަވުމަށް ތެހްރާނުން ދާދިފަހުން އައު ހުށަހެޅުންތަކެއް ހުށަހެޅި ނަމަވެސް، ޓްރަމްޕް ވަނީ އެ ހުށަހެޅުންތަކަށް އިންކާރު ކުރައްވައި، ސުލްޙައަށް ހުރަސް އަޅުއްވާފައެވެ. އަދި، ހުސްވި ހަފުތާގައި އިސްލާމްއާބާދަށް ދަތުރުކުރުމަށް ހަމަޖެހިފައި އޮތް މަންދޫބުންގެ ދަތުރު މުއްދަތެއް ނެތް ގޮތުގައި ޓްރަމްޕް ފަސްކުރެެއްވުމާއެކު، އެޕްރީލު 8 ގައި އަމަލުކުރަން ފެށި ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުން ދެމިއޮތުމާއި، ސުލްޙަ ޤާއިމުކުރެވުމުގެ އުންމީދު ވަނީ ފަނޑުވެފައެވެ.

ޞަހްޔޫނީންނާ ގުޅިގެން އެމެރިކާއިން ފެށި ހަނގުރާމައިގައި އީރާނުގެ އަސްކަރީ ޤާބިލުކަން ކޮންމެވެސް ވަރަކަށް ނެތިކޮށްލާފައިވީ ނަމަވެސް، ވެރިކަން ބަދަލުކުރުމާއި ނިއުކްލިޔަރ ޕުރޮގުރާމު ހުއްޓުވުމުގެ ލަނޑުދަނޑިތައް އޮތީ ހާސިލުނުވެއެވެ. ވައިޓް ހައުސްގެ ތަރުޖަމާނު އޮލިވިޔާ ވޭލްސް ވިދާޅުވީ ޓްރަމްޕްގެ ހަނގުރާމައިގެ ސަބަބުން އީރާން މާޔޫސްވެފައިވާ ކަމުގައެވެ. ނަމަވެސް، މަސްރަޙު ދިރާސާ ކުރައްވާ ދާރިސެއް ކަމުގައިވާ ލޯރާ ބްލޫމެންފެލްޑް ވިދާޅުވީ، ޓްރަމްޕަކީ ދުނިޔޭގެ އަމަންއަމާންކަން ނަންގަވައިލައްވައި، ބިރުވެރިކަމެއްގެ ތެރެއަށް ވައްޓަވައިލެއްވި ރައީސެއްގެ ގޮތުގައި އެތަކެއް ޒަމާނަކަށް ހަނދާން ކުރެވިގެންދާނެ ކަމުގައެވެ. ހަނގުރާމަ ދިގުލައިގެން ދިއުމަކީ ނޮވެންބަރު މަހު އެމެރިކާގެ ރިޔާސީ ދައުރުގެ މެދުތެރެއިން ބާއްވާ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

އީރާނާއި އެމެރިކާއިން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. ދާރިސް ޖޯން އޮލްޓަރމަން ވިދާޅުވީ، އީރާން ބަލިކަށިވެފައި އޮތް ކަމަށް ފެނުނު ނަމަވެސް، ކަނޑުއޮޅި ބަންދުކުރުމުގެ ބާރު އޮތްކަން އެނގުމުން އެ ޤައުމު ކުރިއަށްވުރެ ވަރުގަދަވެ، އިތުރު ހިތްވަރެއް ލިބިފައިވާ ކަމުގައެވެ. މި ހަނގުރާމައާ މެދު އެމެރިކާގެ ޚާރިޖީ ވުޒާރާއާއި އެކުވެރި ދައުލަތްތަކުގެ (އދ) މަންދޫބުން ކަންބޮޑުވުން ފާޅުކުރާއިރު، ޓްރަމްޕް ގެންދަވަނީ އީރާނުގެ ތެޔޮ އެކްސްޕޯޓް ހުއްޓުވުމުގެ ގޮތުން ކަނޑުގެ ޙިޞާރު އިތުރު މަސްތަކަކަށް ދިގުދަންމަވައިލެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވަމުންނެވެ.

އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައިވީ ނަމަވެސް، ޔުރޭނިޔަމްގެ ބޮޑު ރިޒާވެއް އަދިވެސް އެ ޤައުމުގައި އެބައޮތެވެ. މީގެ އިތުރުން ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް ޙިޒްބުالله އާއި، ޔަމަނުގެ ޙޫޘީންނަށް ދޭ އެހީ ހުއްޓުވުމަށް ޓްރަމްޕް ގެންގުޅުއްވި ސިޔާސަތުތައް ވެސް ވަނީ ފޭލުވެފައެވެ. މިއީ "ކޮންމެހެން ކުރަންޖެހޭ" ހަނގުރާމައެއްގެ ގޮތުގައި އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ސިފަކުރެއްވި ނަމަވެސް، ވިލާތުގެ ޤައުމުތަކުގެ ޚާރިޖީ މަންދޫބުން ދެކެނީ ޓްރަމްޕް ވެވަޑައިގަންނަވާ އެއްބަސްވުމަކުން އީރާނުގެ ނުރައްކާ ދާއިމަށް ދެމިގެން ހިނގައިދާނެ ކަމުގައެވެ.