ޚަބަރު

ސިވިލް ކޯޓަށް ހުށައެޅި މައްސަލަތަކުގެ ބޮޑުބައެއް ނިމިއްޖެ


ސިވިލް ކޯޓަށް ހުށައެޅި 8 މަހަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތަކުގެ ތެރެއިން 3 މައްސަލަ ފިޔަވައި ހުރިހާ މައްސަލެއް ނިންމަވާފައިވާކަމަށް ސިވިލް ކޯޓުން ހާމަކުރައްވައިފިއެވެ. މިއީ ސިވިލް ކޯޓް ވުޖޫދަށް އައުމަށްފަހު މިހާތަނަށް ޙާޞިލްކުރެއްވިފައި ނުވާވަރުގެ ބޮޑު ކާމިޔާބީއެއްގޮތުގައި ސިވިލްކޯޓުން ސިފަކުރައްވައެވެ.

ސިވިލްކޯޓަށް ހުށައެޅި ބައްލަވަމުން ގެންދަވާ މައްސަލަތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމެވުމާއި، އެކޯޓަށް ހުށައެޅޭ މައްސަލަތައް ވީއެންމެ އަވަހަކަށް ނިންމެވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މިއަހަރުގެ ފުރަތަމަ 9 މަސްދުވަސް ނިމުނުއިރު އެކޯޓުގައި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތަކުގެ ޢަދަދު ވަރަށް ބޮޑަށް ދައްކުރެވިފައިވާ ކަމަށް ސިވިލް ކޯޓުން ހާމަކުރައްވައެވެ. ސިވިލް ކޯޓުން ޢަޒުމް ކަނޑައަޅުއްވައިފައިވަނީ އެކޯޓަށް ހުށައެޅި ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމެވުމަށެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެކޯޓުގައި ހުރި މައްސަލަތަކުގެ ތެރެއިން ގޮތެއް ކަނޑަނޭޅި 8 މަހަށްވުރެ ގިނަދުވަސްވެފައި އޮތީ 3 މައްސަލަކަމަށް ސިވިލްކޯޓުން ވިދާޅުވެއެވެ. މިއާއެކު 2016 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެކޯޓުން ކަނޑައަޅުއްވައިފައިވާ ލަނޑުދަނޑި ޙާޞިލްކުރެއްވިފައިވާ ކަމަށް ސިވިލްކޯޓުން ވިދާޅުވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 2015 ވަނަ އަހަރު ނިމުނުއިރު ސިވިލްކޯޓަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން 1 އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތަކުގެ ޢަދަދު ހުރީ 191 ގައެވެ. އެހެންނަމަވެސް މިހާރު އެކޯޓުގައި 8 މަހަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތަކުގެ ޢަދަދު ވަނީ 3 ކަށް ދަށްކުރެވިފައެވެ. މިއީ ސިވިލް ކޯޓް ވުޖޫދަށް އައުމަށްފަހު މިހާތަނަށް ޙާޞިލްކުރެއްވިފައި ނުވާވަރުގެ ބޮޑު ކާމިޔާބީއެއްގޮތުގައި ސިވިލްކޯޓުން ސިފަކުރައްވައެވެ. 2015 ވަނަ އަހަރު ނިމުނު އިރު ސިވިލްކޯޓަށް ހުށައެޅުނު މައްސަލަތަކުގެ ތެރެއިން 1243 މައްސަލަ ނުނިމި ހުރިއިރު މިޢަދަދު މިއަހަރުގެ ސެޕްޓެމްބަރުގެ މަހުގެ ނިޔަލަށް ވަނީ 851 އަށް ދަށްކުރައްވާފައެވެ. އަދި ކޮންމެ މަހަކު ނުނިމި ހުރި މައްސަލަތަކުގެ ޢަދަދު ދަނީ ދަށްކުރައްވަމުންނެވެ. މިއަހަރު ފެށުނީއްސުރެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 2086 މައްސަލަ އެކޯޓަށް ހުށައެޅިފައިވެއެވެ. އަދި މި މުއްދަތުގައި 2478 މައްސަލަ އެކޯޓުން ނިންމަވާފައިވެއެވެ.

ސިވިލްކޯޓުން މައްސަލަ ނިންމަވާ ނިސްބަތް އިތުރުވެ، އެކޯޓުން ހޯއްދަވާފައިވާ ކާމިޔާބީއަކީ ސިވިލް ކޯޓްގެ ހިންގެވުމަށް ސުޕްރީމް ކޯޓުން ގެންނެވި ބަދަލާއި، މުއައްޒަފުންނާއި ފަނޑިޔާރުން އައު އަޒުމަކާއެކު ކުރެއްވި މަސައްކަތްތަކުގެ ނަތީޖާކަމަށް ސިވިލް ކޯޓުން ފާހަގަކުރައްވައެވެ.

ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާކުރައްވައި، މައްސަލަތައް ނިންމެވުން އަވަސްކުރެއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ޚާއްޞަގޮތެއްގައި ޝަރުޢީ ކޯޓުތަކަށް ހުށައެޅި ގިނަދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމެވުމަށް ޚާއްޞަ ފިޔަވަޅުތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ އަޅުއްވައިފައެވެ. މި ފިޔަވަޅުތަކާ ގުޅިގެން ހައިކޯޓާއި، ސުޕީރިއަރ އަދި މެޖިސްޓްރޭޓް ކޯޓްތަކުން ވަނީ އެކޯޓްތަކުން މައްސަލަތައް ނިންމަވާ ނިސްބަތް އިތުރުކުރައްވައި މަސައްކަތްތައް އިތުރަށް އަވަސްކުރައްވާފައެވެ.