ވިޔަފާރި

"ބޮޑު އަގުގައި ކާޑުގެ ބާވަތްތައް ވިއްކާނަމަ ފިޔަވަޅު އަޅާނަން"


ކާޑު ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭ ގޮތަށް ނިންމުމާ ގުޅިގެން، ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި ކާޑުގެ ބާވަތްތައް ވިއްކާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ކާޑުގެ އަގަށް ގެނައި ބަދަލާ ގުޅިގެން އޭގެ ނާޖާއިޒު ފައިދާ ރާއްޖޭގެ ބައެއް ވިޔަފާރިތަކުން ނަގަމުން އަންނަ ޝަކުވާ އިކޮނޮމިކް މިނިސްޓްރީ އަންނަނީ ހުށަހެޅެމުންނެވެ. އެގޮތުން މިހާތަނަށްވެސް މިކަމާއި ގުޅިގެން ތަފާތު އެކިވިޔަފާރިތަކާއި ގުޅޭ ޝަކުވާތައް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅިފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އިކޮނޮމިކް މިނިސްޓްރ މުޙައްމަދު ސަޢީދު ވިދާޅުވީ ކާޑު ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭގޮތަށް ނިންމުމާ ގުޅިގެން، ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުއަގުގައި ވިޔަފާރިތަކުން ކާޑު ވިއްކާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި އަދި ބައެއް ކެއުން ބުއިން ވިއްކާ ތަންތަނުން މިކަމާގުޅުވައިގެން ބައެއް ބާވަތްތައް ވިއްކާ އަގު އިންތިހާއަށް ބޮޑުކޮށް ނަގަމުން އަންނަކަމަށް މަޢުލޫމާތު ލިބޭކަމަށެވެ. 

މިގޮތަށް އަގުބޮޑުކޮށް ވިއްކާ ބާވަތްތަކުގެ ތެރޭގައި މީގެ ކުރިންވެސް ސަރުކާރު ސަބްސިޑީ ދީފައިނުވާ ބާމަސްތީ ހަނޑުލުން ހަދާ އެކިކަހަލަ ބާވަތްތަކުގެ އަގު ބޮޑުކޮށްފައިވާކަމީ ގަބޫލުކުރެވޭނެކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިގޮތަށް ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ވިޔަފާރި ކުރުމަކީ މުޅިން މަނާ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ. ކާޑުގެ އަގުތައް ބަދަލު ގެންނަން ޖެހުނު ސަބަބުތައް ދައްކަވައި މިނިސްޓަރ ވިދާޅުވީ އެންމެ ފަހުގެ ބޯހިމެނުގެ ހިސާބުތަކުން ދައްކާ ގޮތުން ގަވާއިދާ އެއްގޮތަށް މަސައްކަތްކުރާ 124،000 ބިދޭސީން ރާއްޖޭގައި އެބަތިބި ކަމަށް، ގަވާއިދާ ޙިލާފަށް އުޅޭ މީހުންނާއެކު އެ ޢަދަދު 150،000 ށް އަރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ޢަދަދާއެކު ރާއްޖެއަށް އަހަރަކު 1.2 މިލިއަން ޓޫރިސްޓުން އަންނައިރު، ސަޢީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ރައްޔިތުންނަށް ދޫކުރާ ސަބްސިޑީގެ ބޮޑު ފައިދާއެއް ކުރަނީ ބިދޭސީ މަސައްކަތު މީހުންނާއި ފަތުރުވެރިންނަށް ކަމުގައެވެ. އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ކާޑުގެ އަގަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ކުރިއަށް އޮތްތާގައި ޤައުމަށާއި ރައްޔިތުންނަށް ކުރާނީ ފައިދާކަމުގައެވެ. މިނިސްޓަރ ވިދާޅުވީ ކުރިން ސަބްސިޑީ ދެމުން އައިގޮތުން އެ ހައްޤުނުވާ ގިނަ ބަޔަކަށް މަންފާ ކުރި ކަމަށާއި އެކަމަކު މިހާރު އޭގެ ފައިދާ ކުރާނީ އޭގެ އެންމެ ހައްޤުވެރީންނަށް ކަމަށެވެ.