ތަރައްްޤީ

ސަޢޫދީ ރަސްގެފާނު، ރައީސް ޔާމީނަށް މަރުޙަބާ ވިދާޅުވެއްޖެ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު އައްސަޢުދު، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ރަސްމީގޮތުން މަރުޙަބާ ވިދާޅުވެއްޖެއެވެ. މި ރަސްމިއްޔާތު ބާއްވަވާފައިވަނީ ރަސްގެފާނުގެ ރަސްމީ ގަނޑުވަރުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ބޭއްވެވި ރޯޔަލް ގާރޑް އޮފް އޮނަރއެއް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ.

މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ޝަރަފުގައި ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު އައްސަޢުދު ވަނީ ޚާއްޞަ ޖާފަތެއް ދެއްވާފައެވެ. 

މި ޖާފަތަށްފަހު ދިވެހި ސަރުކާރާއި ސަޢޫދީ ސަރުކާރާ ދެމެދު ރަސްމީ ވާހަކަތައް ވަނީ ބާއްވަވާފައެވެ. މި ވާހަކަފުޅުތަކުގައި، ރައީސް ޔާމީންވަނީ، ސަޢޫދީ ޢަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ ވަރަށް މުޙިއްމު ބައިވެރިއެކަން ފާހަގަ ކުރައްވާފައެވެ. އަދި، ޓެރެރިޒަމާއި ހައްދުފަހަނަ އަޅާ ދިއުމުގެ ނުރައްކަލާއި ދެކޮޅަށް ސަޢޫދީ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް ދިވެހި ސަރުކާރުން ތާޢީދުކުރާ ކަމަށާއި، މިކަމުގައި އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި، ސަޢޫދީ ސަރުކާރުން މި އަހަރު ރާއްޖެއަށް ޙައްޖު ކޯޓާގެ ގޮތުގައި އިތުރު 1000 ފުރުޞަތު ދެއްވިކަމަށްޓަކައި، ސަޢޫދީ ރަސްގެފާނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ދެ ޤައުމުގެ ދެެމެދުގައި ޒަމާނުއްސުރެ އޮތް ގާތް، އެކުވެރި ގުޅުން، ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. 

މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސަލްމާން ރަސްގެފާނުވަނީ، ސަޢޫދީ ޢަރަބިއްޔާއާއި ރާއްޖެއާއި ދެމެެދު އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި އަހަރު ރާއްޖެއަށް ޙައްޖު ކޯޓާގެ ގޮތުގައި އިތުރު ފުރުޞަތުތަކެއް ދެއްވާފައިވަނީ، މާތްވެގެންވާ ދެ މިސްކިތްކޮޅުގެ ބެލެނިވެރި ފަރާތުގެ ޙައިޞިއްޔަތުންކަމަށް ވިދާޅުވިއެވެ. 

މި ވާހަކަތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާސިމާއި، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، ފިޝާރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނަޞީރާއި، ރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢަބްދުﷲ ޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.