ޚަބަރު

ކުއާޓަރގައި ނިއުޒިލެންޑު އަތުން ބަލިވެ، ރާއްޖެއަށް ލީގު ނިމިއްޖެ


  • ކުއާޓަރގައި ރާއްޖެ ބަލިވީ 0-3 ގެ ނަތީޖާއިން

  • ވަރުގަދަ ޓީމަކާ ދެކޮޅަށް، ރާއްޖެއިން ރަނގަޅު ފައިޓެއް ދީފައިވޭ

މިހާރު ކުރިއަށްދާ ފީފާ އީ-ނޭޝަންސް ލީގުގައި މިއަދު ރާއްޖެ ކުޅުނު ކުއާޓަރ ފައިނަލް މެޗުގައި ނިއުޒިލެންޑު އަތުން ބަލިވެ، ރާއްޖެއަށް މުބާރާތް ނިމިއްޖެއެވެ. ކުއާޓަރ ފައިނަލުން ރާއްޖެ ބަލިވެފައި ވަނީ 0-3 ގެ ނަތީޖާއަކުންނެވެ.

މެޗުން ރާއްޖެ ބަލިވެފައިވީ ނަމަވެސް، ނިއުޒިލެންޑުގެ ވަރުގަދަ ޓީމަކާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައި ވެއެވެ. ހާއްސަކޮށް ފުރަތަމަ ގޭމުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި ވުމުން މި ގޭމުގެ ނަތީޖާ ނެރުނީ ގޯލްޑަން ގޯލުންނެވެ. އަދި، މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީވެސް ރާއްޖެއިންނެވެ.

ދެވަނަ ގޭމު އެއްކޮށް ޑޮމިނޭޓުކޮށްފައި ވަނީ ނިއުޒިލެންޑުންނެވެ. އެގޮތުން، އެ ޓީމު ދެވަނަ ގޭމު ކާމިޔާބުކުރީ 0-4 ގެ ނަތީޖާއިންނެވެ. ނަމަވެސް، ރާއްޖެއިން ވަނީ ތިންވަނަ ގޭމުގައި އަނެއްކާވެސް ރަނގަޅު ފައިޓެއް ދީފައެވެ.

ނިއުޒިލެންޑުން 2 ގޯލުގެ ލީޑެއް ނަގާފައި ވަނިކޮށް ރާއްޖެއިން ވަނީ ގޭމު ނިމެން މިނެޓެއްހައި އިރަށް ވެފައި ވަނިކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. ނަމަވެސް ނިއުޒިލެންޑުން ވަނީ އޭގެ ކުޑައިރުކޮޅެއް ފަހުން އަނެއްކާވެސް ގޯލެއް ޖަހައި، ގޭމު ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ކުއާޓަރ ފައިނަލަށް ރާއްޖެ ދަތުރުކޮށްފައި ވަނީ ގަދަ 16 ގައި ކިރިގިސްތާނު ބަލިކުރުމަށްފަހު އެވެ. މި މެޗު ރާއްޖެއިން ގެންގޮސްފައި ވަނީ 0-3 ގެ ނަތީޖާއިންނެވެ.