ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދުމަށް މަޝްވަރާކުރައްވާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މެއި މަހުގެ 3 އިން 6 އަށް ލަންކާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އިންވެސްޓްމަންޓް ފޯރަމްތައް ބާއްވަމުން ގެންދަވާކަމަށެވެ. އަދި ސްރީލަންކާގައިވެސް އެފަދަ ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން މަދުވެގެން 7 އެއްބަސްވުމެއް އެކުލަވާލުމަށް ހަމަޖެހިފައިވާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
"އޭގައި އަޅުގަނޑުމެން ރާއްޖޭގައި ވިޔަފާރިވެރިންނާއި ސްރީލަންކާގެ ވިޔަފާރިވެރިންނާ ގުޅުވައިދިނުމުގެ މަސައްކަތްތަކެއް ހިންގާ މިވަގުތު ހުރި މަޝްރޫއުތަކާއި ޕްރޮޖެކްތަކާއި އިންވެސްޓްކުރަން ހުރި ފުރުސަތުތައް ވިދާޅުވެ ދެއްވާނެ ސަރުކާރުގެ ކަމާބެހޭ ބޭފުޅުން." އިސްތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތަރުޖަމާނު ވިދާޅުވީ ރައީސްގެ ދަތުރުފުޅުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާއާގުޅޭ ކަންތަކުގައި ދިމާވާ ދަތިތަކާއި އެކަންތަކަށް ލުޔެއް ހޯދުމަށް އެކަމާ ގުޅޭ ވާހަކަތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. ތަރުޖަމާނު ވަނީ ލަންކާގައި ދިން އީސްޓާ ސަންޑޭ ހަމަލާގެ ފަހުން އެ ގައުމުގެ ވިސާގެ ކަންތައް ހަރުކަށިކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
"ނިޒާމަށް އައި ބަދަލާ އެކު ދިވެހިންނަށް ދަތިތަކެއް ދިމާވަނީ ތަފާތު ދަތިތަކެއް. އެއް ކަމަކީ އަގު. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، 200 ޑޮލަރު އެބަޖެހޭ ވިސާ ހައްދާ ކޮންމެ ފަހަރަކު ދޭން. އެއް އަހަރަށް ވިސާ އެކްސްޓެންޑުކޮށްދެނީ." އިސްތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން، 75 ޑޮލަރުގެ މެޑިކަލް އެއްވެސް ވިސާ ހައްދާއިރު ހުށަހަޅަންޖެހޭ ކަމަށާއި ބޮލަކަށް 1000 ޑޮލަރުގެ ޑިޕޮސިޓެއް ވެސް ބަހައްޓަންޖެހޭކަން ފާހަގަކުރެއްވިއެވެ. ވިސާގެ ކަންކަން ފަސޭހަކުރުމަށް މިހާރުވެސް މަޝްވަރާ ކުރަމުންދާކަމަށާއި އެ މަޝްވަރާތައް ފުރަތަމަ ފަށާފައިވަނީ މީގެ ދެ އަހަރެއްހާ ދުވަހުގެ ކުރިން ދުބާއީގައި ރައީސް މުޢިއްޒުއާއި ސްރީލަންކާގެ ރައީސް ޑިސަނައިކުއާ ބައްދަލުކުރައްވަވާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދި ރައީސް އަންނަ ހަފުތާގައި ފަށާ ދަތުރުފުޅުގައިވެސް މިކަންކަމަށް މަޝްވަރާކުރައްވާނެކަމަށެވެ.