ޚަބަރު

ހުރާ ބަލިކޮށް މުޅިން އަލަށް ވާދަކުރާ އެމްޓީސީސީ ފައިނަލަށް


  • މި މެޗު އެމްޓީސީސީން ކާމިޔާބުކުރީ 3-2 ސެޓުން

  • މިއީ މި މުބާރާތުގައި އެމްޓީސީސީ ވާދަކުރާ ފުރަތަމަ ފަހަރު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕް 2026 ގެ ސެމީ ފައިނަލުގައި ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށް މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ކްލަބް އެމްޓީސީސީން ފައިނަލުން ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލުން އެމްޓީސީސީން ޖާގަ ހޯދީ ޕޫލް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ޕޫލް ބީއިން އެއްވަނަ ހޯދީ ކްލަބް ވެމްކޯއެވެ. އަނެއްކޮޅުން ހުރާއިން ސެމީ ފައިނަލަށް ދަތުރުކުރީ ޕޫލް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ޕޫލް އޭގެ ދެވަނަ ޓީމަކީ ޕޮލިސް ކްލަބެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗު އެމްޓީސީސީން ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު ހުރާއިން ކާމިޔާބުކުރީ އެމްޓީސީސީ ޓީމަށް ސެޓުގެ ފަހު ކޮޅު ހެދުނު ގޯސްތަކުގެ ފައިދާ ނަގައި 25-23 އިންނެވެ.

ޖެހިގެން އައި ދެވަނަ ސެޓު ފަށައިގެންވެސް ހުރާއިން ލީޑުކޮށްގެން ކުޅުނެވެ. އެކަމަކު ސެޓުގެ މެދުތެރެއިން އެމްޓީސީސީން ވަނީ ކުޅުން ރަނގަޅުކޮށް އެ ޓީމުގައި ތިބި ބިދޭސީ ދެ ކުޅުންތެރިންކަމަށްވާ ސިލީވިއާ ރެޖީނާ އަދި ޑިއާނޭގެ ބޭނުން ހިފައި 15-25 އިން ސެޓު ކާމިޔާބުކޮށްފައެވެ.

ޖެހިގެން އައި ތިންވަނަ ސެޓުގައި އެމްޓީސީސީގެ ފަރާތުން ފެނިގެންދިޔައީ ޖުމްލަކޮށް ދަށް ކުޅުމެކެވެ. އޭގެ ފައިދާ ނަގައި މި ސެޓު ހުރާއިން ކާމިޔާބުކުރީ 25-20 އިންނެވެ.

ހަތަރުވަނަ ސެޓު އަދި ފަސްވަނަ ސެޓުގައި އެމްޓީސީސީގެ ފަރާތުން ފެނިގެންދިޔައީ ތަފާތު މޮޅު ކުޅުމެކެވެ. އެގޮތުން މެޗުގެ ހަތަރުވަނަ ސެޓު އެމްޓީސީސީން ގެންދިޔައީ 25-15 އިންނެވެ. އަދި ފަސްވަނަ ސެޓު އެމްޓީސީސީން ކާމިޔާބުކުރީ 15-12 އިންނެވެ.

މިއީ އެސޯސިއޭޝަން ކަޕުގައި އެމްޓީސީސީން ވާދަކުރާ ފުރަތަމަ ފަހަރެވެ.