ކުޅިވަރު

ވޯލްޑް ކަޕް: އިތުރުވާ ހަރަދަށް ފީފާއިން 100 މިލިއަން ޑޮލަރު ދެނީ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުޅޭ ގައުމުތަކުން އިތުރަށް ކުރަންޖެހޭ ހޭދަ ކަވަރު ކުރުމަށްޓަކައި ފީފާއިން 100 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕުގައި ކުޅޭ 48 ގައުމުން ކުރަން ޖެހޭ ހޭދަ ބޮޑުވެ ޝަކުވާ ކުރަން ފެށުމާއި ގުޅިގެން ފީފާއިން އިތުރަށް ފައިސާ ދޭން ނިންމީ ކެނެޑާގެ ވެންކޫވާގައި ބޭއްވި އެ ޖަމާއަތުގެ ކައުންސިލް ބައްދަލުވުމުގަ އެވެ.

މި ގޮތުން ނިންމާފައިވަނީ އިތުރުވާ ހަރަދަށް ވޯލްޑް ކަޕް ކުޅޭ ކޮންމެ ގައުމަކަށް 2 މިލިއަން ޑޮލަރާއި 12.5 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ދިނުމަށެވެ. މި ގޮތަށް ނިންމީ އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯގައި ޖޫން 11ގައި ފަށާ ވޯލްޑް ކަޕުން 11 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބޭނެތީވެ އެވެ.

ފީފާއިން ނިންމާފައިވަނީ މުބާރާތައް ތައްޔާރުވުމުގެ ހަރަދަށް ދޭ ފައިސާ ވެސް 1.5 އިން 2.5 މިލިއަން ޑޮލަރަށް ބަދަލު ކުރުމަށެވެ. އަދި އިނާމް ފައިސާގެ ގޮތުގައި ދޭ ފައިސާ އަށް އެއް މިލިއަން ޑޮލަރު އިތުރު ކުރުމަށެވެ. އިތުރަށް އެއްވެސް ގައުމަކަށް ފައިސާ ލިބޭނީ އެ ގައުމަކުން އިތުރަށް ކުރަންޖެހޭ ހޭދައިގެ ތަފްސީލަށް ބަލައިފަ އެވެ.

މި ހަރަދުތައް އިތުރުވާ މައިގަނޑު ސަބަބުތަކަކީ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު އިތުރުވުމުން މުބާރާތް ދިގު ދެމިގެންދިއުމާއި ތިން ގައުމެއްގައި މެޗުތައް ކުޅެން ޖެހޭތީވެ ދަތުރު ފަތުރާއި އިންތިޒާމްތަކަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާއި އެމެރިކާގެ ޓެކްސް ބޮޑުވުމާއި އެކިއެކި ހިދުމަތްތަކުގެ އަގު އުފުލިފައިވުމެވެ. މުބާރާތް ކުޅޭ ޓީމުތަކުން ޓެކްސް ދައްކަން ޖެހޭއިރު އެމެރިކާއިން ވަނީ ބައެއް ގައުމުތަކަށް ޓެރިފްގެ އަގު ބޮޑުކޮށްފަ އެވެ. މިއީ ވެސް ގައުމުތަކުން ކަންބޮޑުވާ ކަމެކެވެ.

ފީފާއިން މި ފަހަރުގެ މުބާރާތުގެ އިނާމުގެ ފައިސާގެ ގޮތުގައި ކަނޑައަޅާފައިވަނީ 727 މިލިއަން ޑޮލަރެވެ. މީގެ ތެރޭގައި ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވާ 50 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ. މިއީ އެންމެ ފަހުގެ ވޯލްޑް ކަޕަށްވުރެ 50 ޕަސެންޓް އިތުރު އަދަދެއް ކަމަށް ފީފާއިން ބުނެ އެވެ.

ހަރަދު ބޮޑުވުމުގެ މައްސަލަ ފީފާގެ ސަމާލުކަމަށް އެންމެ ފުރަތަމަ ގެނެސްފައިވަނީ ޔޫރަޕުގެ ފުޓްބޯޅަ ޖަމާއަތުންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު މި ފަހަރަކީ ފީފާ އަށް ވެސް އެންމެ ގިނަ ފައިސާ ލިބޭ ހަތަރު އަހަރު ކަމަށްވާނެ ކަމަށް އެ ޖަމާއަތުން ވެސް ވަނީ އަންދާޒާ ކޮށްފަ އެވެ.