ޚަބަރު

ފަރަށް އެރި މިފްކޯގެ މަސްބޯޓު ފުންކޮށްފި


މ.ވޭވަށު ފަރަށް އަރާފައިވާ މިފްކޯގެ މަސްބޯޓް ފުންކުރެވިފައިވާ ކަމަށް މ.މުލީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މުލީ ކައުންސިލް މެންބަރު އިބްރާހީމް ޒަކީ ވިދާޅުވީ، ބޯޓު ފުންކުރެވުނީ މެންދުރު ފަހު 2:15 ހާއިރު ބޮޑު ދިޔައިގައި ކަމަށެވެ. މި ބޯޓު ފުންކޮށްފައިވަނީ، މިއަދު ކޫއްޑޫއިން ދިޔަ ރެސްކިއުޓީމު މިއަދު މެންދުރު 1:00 އެހާއިރު ވޭވަަށަށް ގޮސް ކުރި މަސައްކަތުންނެވެ.

ކޫއްޑޫގެ މަސްފެކްޓްރީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މުޞްޠަފާ ޖަމީލް ވިދާޅުވީ، ފަރަށް އަރާފައިވާ ބޯޓަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، އެހެން ނަމަވެސް ބޯޓު ކޫއްޑުއަށް ގެނައުމަށްފަހު ލިބިފައިވާ ގެއްލުންތައް ބައްލަވާނެ ކަމަށެވެ. އަދި މ.އަތޮޅަށް ދިޔަ ރެސްކިއު ޓީމާއެކު، ފަރަށް އެެރި ބޯޓުވެސް ކޫއްޑުއަށް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ވޭވަށު ފަރު ނުވަތަ އާންމު ނަމުން ނަމަ " ދޮންގިރި ފަޅަށް " އަރާފައިވަނީ މިފްކޯގެ އެންމެ ބޮޑު މަސްބޯޓް "މަހާ ކަލަމިންޖާ 404" އެވެ. ފަރަށް އެރިއިރު 110 ޓަނުގެ މަސް އެ ބޯޓުގައި ހުރިކަމަށް މިފްކޯއިން ވިދާޅުވެއެވެ. ބޯޓު ފަރަށް އެރީ މަސްކިރުވުމަށް ކޫއްޑުއަށް ދަތުރު ކުރަމުން ދަނިކޮށެވެ.