ވިޔަފާރި

އެސް.ޓީ.އޯގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ޚިދުމަތް ދެގޮތެއްނުވެ


އެސް.ޓީ.އޯގެ ސަބްސިޑިއަރީ ކުންފުނިތަކަކީ އާންމުންނަށް ޚިދުމަތް ދިނުމުގައި ލާމަސީލު ކުންފުނިތަކެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މިގޮތަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ދެއްވައިފިއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ މި ޔަޤީންކަން ދެއްވީ މޯލްޑިވް ގޭސްގެ 17 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

1999 ވަނަ އަހަރު ވުޖޫދަށް އައި މޯލްޑިވް ގޭސްއަކީ ރާއްޖޭގައި ގޭހުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން ގެންދާ ކުންފުންޏެކެވެ. ފުރަތަމަ ކައްކާ ގޭސް ރާއްޖެއަށް އެތެރެކުރިކަމުގައި ވިޔަސް، މިހާރު އޮކްސިޖަންއާއި މެޑިކަލް އޮކްސިޖަންއާއި އިންޑަސްޓްރިއަލް އޮކްސިޖަން، ހީލިއަމް، އާގަން ފަދަ ގިނަ ބާވަތްތަކެއް ރާއްޖެ އެތެރެކުރެއެވެ. ރާއްޖޭގައި މެޑިކަލް ގޭސް އުފައްދާ އެތެރެކޮށް އޭގެ ވިޔަފާރިކުރާ ހަމައެކަނި ބަޔަކީ އެ ކުންފުންޏެވެ.

އެކުންފުނިން ގޭހުގެ ޚިދުމަތް ފެއްޓި އިރު އެންމެ ދެ ޓަނުގެ ކެޕޭސިޓީއަކުން ފެށިކަމުގައި ވީނަމަވެސް މިހާރު ކެޕޭސިޓިއަކީ 1100 މެޓްރިކް ޓަނެވެ. މިއީ ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ގޭސް ފޯރުކޮށްދެވޭނެ ކެޕޭސިޓީއެއްކަމަށް އެ ކުންފުނިން ބުނެއެވެ. ދުވާލެއްގެ މައްޗަށް 600 އާއި 700 އާއި ދެމެދުގެ އަދަދަކަށް ގޭހުގެ އޯޑަރުތައް ލިބެމުންދާކަމަށް އެކުންފުނިން ބުނެއެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ސޭލްސް އެޖެންޓުން ތިބި އިރު މިހާރުވެސް އެކުންފުނިން ގެންދަނީ އަތޮޅުތަކުގެ ރަށްޔިތުންނަށް ފަސޭހައިން ގޭހުގެ ޚިދުމަތްދިނުމުގެ ގޮތުން ގ.ދ ތިނަދޫގައި އެކުންފުނިން ޤާއިމް ކުރާ ޑިސްޓްރިބިއުޝަން ސެންޓަރުގެ މަސައްކަތް ނިމުމުން މިފަދަ ސެންޓަރެއް ރާއްޖޭގެ އުތުރުގައިވެސް ޤާއިމްކުރުމަށް މަސައްކަތްކުރަމުންނެވެ.

ދަރުބާރުގޭގައި ބޭއްވި މޯލްޑިވް ގޭސްގެ 17 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އެކުންފުނިން ހޯދާފައިވާ ކުރިއެރުމުގެ މައްޗަށް ބައްލަވާލައްވާފައެވެ. އެގޮތުން ޝަހީރު ވަނީ އެސްޓިއޯގެ ސަބްސިޑިއަރީ ކުންފުނިތަކުން މަސައްކަތްކުރަނީ ފައިދާއަށްވުރެ ބޮޑަށް އާންމުންނަށް ޚިދުމަތެއް ދިނުމުގެ ގޮތުންކަމަށް ވިދާޅުވިއެވެ. އަދި އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނިތަކަކީ ޚިދުމަތް ދިނުމުގައި ލާ މަސީލު ކުންފުނިތަކެއްކަން ފާހަގަ ކުރައްވާ ކުރިއަށް އޮތް ތަނުގައިވެސް މިގޮތަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

މޯލްޑިވް ގޭސް އިން, ގޭހުގެ ޚިދުމަތުގެ އިތުރުން ބަދިގެއަށް ބޭނުންވާ ބައެއް ސާމާނު ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް ދެމުންދެއެވެ.

މޯލްޑިވް ގޭސް އިން 4 ސައިޒެއްގެ ގޭސް ފުޅީގެ ޚިދުމަތް އެ ކުންފުނިން ދެމުންގެންދެއެވެ.

އަހަރުން އަހަރަށް އެކުންފުންޏަށް ލިބެމުންދާ ފައިދާ އަންނަނީ އިތުރުވަމުންނެވެ. މިގޮތުން ވޭތުވެދިޔަ އަހަރު ސާފުފައިސާގެ ގޮތުގައި 58.9 މިލިޔަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވާކަމަށް އެކުންފުނިން ބުނެއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 151.7 ޕަސެންޓްގެ ކުރިއެރުމެއްކަމަށެވެ.

މޯލްޑިވް ގޭސްގެ 17 ވަނަ އަހަރީ ޖަލްސާގައިވަނީ މޯލްޑިވް ގޭސް ވުޖޫދަށް އައުމުގައި ހަރަކާތްތެރިވި ފަރާތްތައް ފާހަގަކުރައްވާ ސްޕެޝަން ޓްރިބިއުޓް އެވޯޑް ދެ ފަރާތަކަށް ދެއްވާފައެވެ. އެއީ އެ ކުންފުނީގެ ބޯޑް މެންބަރ އަބްދުﷲ ސަލީމް އަބްދުއް ސައްތާރާއި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރަށެވެ. މީގެ އިތުރުން ފާއިތުވެ ދިޔަ އަހަރު ކަސްޓަމަރުންނާއި އެކި ގޮތްގޮތުން ޚިދުމަތްކޮށްދީފައިވާ މުއައްޒަފުންގެ އަގުވަޒަން ކޮށް އެވޯޑް ދީފައިވެއެވެ.