ޚަބަރު

"ބިންވެރިޔާ" ޚާއްޞަ ސްކީމަށް 3 ވަނަ ކެޓަގަރީއެއް


  • އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާނީ މޭއި 10ގައި

  • އެޕްލިކޭޝަން ހުށަހެޅޭނީ މެއިމަހުގެ ނިޔަލަށް

ސަރުކާރުން ކުރިއަށްގެންދާ "ގޯތިގެދޮރު" ޕުރޮގުރާމުގެ "ބިންވެރިޔާ" ޚާއްޞަ ސްކީމަށް 3 ވަނަ ކެޓަގަރީއެއް އިތުރުކޮށްފިއެވެ.

ބިންވެރިޔާ ސްކީމާ ގުޅޭ އުސޫލަށް އިސްލާހު ގެނެސް ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައިވާ ގޮތުން، ކެޓެގަރީ 3ގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ 2 ބަޔަކަށެވެ. އެއީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ފަރާތަކުން ގޯތި ދޫކޮށް ފްލެޓަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކާއި ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން އެދޭ ފަރާތްތަކެވެ.

އެ އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 10ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00އިން ފެށިގެން 31 މޭއި 2026ވާ އާދީއްތަ ދުވަހުގެ 23:59ގެ ނިޔަލަށެވެ.

ބިންވެރިޔާ ސްކީމްގެ ޚާއްސަ ކެޓެގަރީތައް

ކެޓަގަރީ 1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ މީހުން
ކެޓަގަރީ 2: ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުން
ކެޓަގަރީ 3: ބިންވެރިޔާ ސްކީމްގެ ދަށުން ލިބުނު ގޯތި ދޫކޮށް ފުލެޓަށް އެދޭ ސިންގަލް އެޕްލިކޭޝަނެއް ހުށަހެޅި މީހުން ނުވަތަ ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދޭ ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅި މީހުން

ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ގިނަ ކެޓަގަރީތަކުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފަހު މުއްދަތު މިހާރު ވަނީ އަންނަ މަހު 31 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިޢުލާނު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި ފޯމު ހުށައެޅުމަށް ހުޅުވާލީ މިއަހަރުގެ ޖެނުއަރީމަހުގައެވެ. ސަރުކާރުން ހުޅުވާލާފައިވަނީ 15،000 ގޯއްޗާއި 7،900 ފްލެޓެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތައް އިޢުލާނުކުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުންތަކަށްފަހު، އާއްމުންގެ ޚިޔާލަށް ބަލާ ބައެއް ކެޓަގަރީތައް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.