މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުންގެންދާ ހޮސްޕިޓަލްތަކުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ހަލީމް ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ކަރަންޓުގެ ބެކަޕް ހުރިނަމަވެސް ބައެއް ފަހަރު ކަރަންޓު ދާ ހާލަތްތަކުގައި އެކި ދަތިތަކާ ކުރިމަތިލާންޖެހެއެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށް ސްޓެލްކޯއާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ މާލެއިން ކަރަންޓު ދާ ވަގުތުތަކުގައިވެސް އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ ބެކަޕް ސިސްޓަމް ބޭނުންކޮށްގެން ހޮސްޕިޓަލްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާކަމަށެވެ. ނަމަވެސް މިހާރު ދެ ހޮސްޕިޓަލުގައިވެސް ބެކަޕް ކަރަންޓު ބޭނުންކުރަނީ އެންމެ މުހިއްމު ތަންތަނަށްކަމަށާއި ކުރިއަށް އޮތްތަނުގައި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ސީއީއޯ ވިދާޅުވިއެވެ.
ސީއީއޯ ވިދާޅުވީ މިވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އައިޖީއެމްއެޗަށް ގެނައި ކުރިއެރުންތަކާއެކު ކަރަންޓު ބޭނުންކުރާ އަދަދުވެސް އިތުރުވެފައިވާކަމަށެވެ. އެހެންކަމުން މިހާރު ހުރި ބެކަޕް ބޮޑުކުރަންޖެހޭކަމާއި މިހާރު ހުރި ސާމާނު ޒަމާނީ ތަކެއްޗަށް ބަދަލުކޮށް އަޕްގްރޭޑް ކުރަންޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ސީއީއޯ ވިދާޅުވީ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ އިތުރުން މާލެ ސަރަޙައްދުގައި ހުރި ސަރުކާރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ކަރަންޓުގެ މައްސަލަވެސް ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުންގެންދާ އައިޖީއެމްއެޗާއި، ދަރުމަވަންތަ ހޮސްޕިޓަލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމާ ގުޅޭގޮތުން މިމަހުގެ ތެރޭގައި ވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ވަނީ ހޮސްޕިޓަލްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމާއި، ދިގު މުއްދަތަކަށް ދެ ފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަކީ ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ޚިދުމަތް ހޯދަން ދާ ސަރުކާރުގެ ހޮސްޕިޓަލެވެ. އެހެންކަމުން ހޮސްޕިޓަލްތަކުން ކަރަންޓު ކެނޑޭ ވަގުތުތަކުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިވާތީ ޚިދުމަތަށް ބުރޫނާރާނެހެން ޚިދުމަތް ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.