ކެޕްޓަން ރާހުލްއާއި އޭނާއާއެކު މަސައްކަތްކުރާ ފަޅުވެރިން ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރު ޕާސިއަން ގަލްފު ސަރަޙައްދުގައި ތާށިވެފައި އޮންނަތާ އަށް ހަފްތާއަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެއީ މެދުއިރުމަތީގެ ހަނގުރާމަ ދިގުދެމިގެން ގޮސް، ހުރްމުޒް ކަނޑުއޮޅި އަދިވެސް ހުރަސްނުކުރެވި ތިބެން ޖެހުމުގެ ސަބަބުންނެވެ. ރާހުލްއާއި އޭނާގެ ފަޅުވެރިން ވަގުތު ގުނަމުން ދަނީ ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް މަންޒިލާ ހަމައަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.
ކެޕްޓަން ރާހުލް ބުނީ ފުރޭނެ ވަކި ދުވަހެއް ނޭނގި ކަނޑުމަތީގައި ދުވަސްތައް ހޭދަކުރަން ޖެހުމުން ވަގުތު ދުއްވައިލުމަށް ރާހުލްއާއި އޭނާގެ ފަޅުވެރިން ކޮަންމެ ދުވަހަކުވެސް އާދައިގެ މަތިން ކުރާ ހުރިހާ ކަމެއް ކުރުން މަތީގައި ދެމިތިބޭ ކަމަށެވެ. ނަމަވެސް ދުވަސްތައް ދިގުވެ، އޭހެ އަސަރު އެ މީހުންންނަށް ދަނީ ކުރަމުންނެވެ.
އެމެރިކާއާއި އީރާނުން ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެފައިވާއިރު، އެ އެއްބަސްވުމުގެ ސަބަބުން ބޯޓުގައި ތިބި މީހުންގެ އުންމީދު ވަނީ ކޮންމެވެސް ވަރަކަށް އައުވެފައެވެ. ނަމަވެސް ހަނގުރާމަ ނިމުމަކަށް އަންނާނެ އިރެއް ބުނަން އަދިވެސް ދަތިވެފައިވާއިރު، ހިތްވަރު އެލުވާނުލައި ތިބުމަށް ފަޅުވެރިންގެ މެދުގައި ސަމާސާކޮށްލައި ވާހަކަދައްކައި، އެންމެން އެކުގައި ބައިވެރިވެވޭ ފަދަ ޙަރަކާތްތައް ބާއްވަމުންދާ ކަމަށް ރާހުލް ބުންޏެވެ. ހުރްމުޒްގައި 8 ހަފްތާގައި ތާށިވެފައި ތިބި މުއްދަތުގައި ބޯޓުގައި ތިބި މީހުންނަށް ޑްރޯންއާއި މިސައިލް ޙަމަލާތައް ހުއްޓުވާ މަންޒަރު އެތައް ފަހަރެއްގެ މަތިން ހަމަލޮލަށް ފެނިފައިވެއެވެ. އެ މީހުން ތިބި ބޯޓާ ވަރަށް ކައިރިން ވެސް މި މަންޒަރުތައް ފެނިފައިވެއެވެ. މި ޙާލަތުގައި ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުާއި ހިތްވަރަކީ ޢާއިލާއާއި ރައްޓެހިންގެ ކޯލުތަކާއި މެސެޖުތައް ކަމަށް އެ މީހުން ބުނެއެވެ.
ހުރްމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ ބޯޓުތަކުގައި ގާތްގަނޑަކަށް 20،000އެއްހާ މީހުން އެބަ ތިއްބެވެ. މި މަގަކީ ތެލާއި ޤުދުރަތީ ގޭސް އުފުލާ މައި މަގެކެވެ. އޭޕްރިލް މަހުގެ 13ވަނަ ދުވަހާއި 19ވަނަ ދުވަހާ ދެމެދު 80އެއްހާ ބޯޓު އެ މަގު ހުރަސްކޮށްފައިވެއެވެ. ހަނގުރާމައިގެ ކުރިން ދުވާލެއްގެ މައްޗަށް 130އެއްހާ ބޯޓު ދިޔައީ އެ މަގު ހުރަސްކުރަމުންނެވެ. މިދިޔަ ފެބްރުއައީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށިފަހުން ހުރްމުޒް ކަނޑުއޮޅީގެ ސަރަޙައްދުން އެތައް އުޅަނދަކަށް ޙަމަލާ އަމާޒުވެފައިވެއެވެެ. އދން ބުނީ އެ ޙަމަލާތަކުގައި މިހާތަނަށް 10 ދަތުރުވެރިން މަރުވެފައިވާ ކަމަށެވެ.
މެދުއިރުމަތީގެ ސަރަޙައްދުގައި ދަތުރުކުރާ ބޯޓުފަހަރުގައި އިންޑިޔާގެ 20،000އަށްވުރެ ގިނަ މީހުން މަސައްކަތްކުރެއެވެ. އެ ސަރަޙައްދުގައި ދަތުރުކުރަމުންދިޔަ ބޯޓުތަކުން މިހާތަނަށް 2،680 މީހުން ޤައުމަށް އަނބުރާ ގެންގޮސްފައިވާ ކަމަށް އިންޑިޔާއިން ބުނެއެވެ. ނަމަވެސް ގިނަ މީހުން ތިބީ އެ މީހުން ސަލާމަތް ކުރުމަށް އެ ސަރަޙައްދުތަކަށް ނުފޯރޭ ސަރަޙައްދުތަކުގައި ކަމަށް އެ ޤައުމުން ބުނެއެވެ. ގިނަ ޢަދަދެއްގެ މީހުންނަށް ކާބޯތަކެއްޗާއި ބޯ ފެނުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށާއި، އިންޓަނެޓު މައްސަލަތައް ދިމާވުމާއި ސިގްނަލް ޖޭމް ކުރުމުގެ ސަބަބުން އެ މީހުންނާއެކު މުއާސަލާތީ ގުޅުން ދަމަހައްޓަން އުނދަގުވެފައިވާ ކަމަށް އެ ޤައުމުން ފާހަގަކޮށްފައިވެއެވެ. ގުޅޭ ފަހަރަކު ވެސް ބޮޑެތި ޢަދަދުތަކުން ރޯމިންގ ޗާޖުތައް އަރާ ކަމަށް ވެސް ބުނެފައިވެއެވެ.
ފާއިތުވި އަހަރުތަކުގައި އެކި ސަބަބުތަކާ ހުރެ ބޯޓުދަތުރުކުރާ ގިނަ ޢަދަދެެއްގެ މީހުން ކަނޑުމަތީގައި ތާށިވެފައިވެއެވެ. އެ ގޮތުން ކޯވިޑް-19ގެ އާލަމީ ބަލިމަޑުކަމާއި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި، ޔަމަނުގެ ޙޫޘީން ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރަށް ޙަމަލާދިނުން ހިމެނެއެވެ. ބޯޓުދަތުރުކުރާ މީހުންގެ ޢަދަދު މިހާރު ވެސް ނިސްބަތުން މަދު އިރު، މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް އައުމުން ވެސް ބޯޓުފަހަރުގައި މަސައްކަތްކުރަން ބޭނުންވާ މީހުންގެ ޢަދަދު މި ފަދަ ސަބަބުތަކާހުރެ ބޮޑުތަނުން މަދުވާނެކަމުގެ ބިރު އޮތީ ހީވެފައެވެ.