ޚަބަރު

ބްރޯޑްކާސްޓް ދާއިރާ އާ ގުޅޭ 468 ޝަކުވާ މިހާތަނަށް ހުށައެޅިފައިވޭ


ބްރޯޑްކާސްޓް ދާއިރާ އާ ގުޅޭގޮތުން މިހާތަނަށް 468 ޝަކުވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށް އެ ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރާއްޖޭގެ މިއަހަރުގެ ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި އެ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ދެއްވި ޚިޠާބުގައެވެ.

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގގެ ސުލޫކީ މިންގަނޑުތައް ކަނޑައެޅުއްވުމާއި ދެމެހެއްޓެވުމާއި ބްރޯޑްކާސްޓިންގ ދާއިރާއާބެހޭ މައްސަލަތަކުގައި ސަރުކާރަށް ލަފާދެއްވުމަކީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މައްޗަށް އޮތް މަސްއޫލިއްޔަތެކެވެ. އަދި ސުލޫކީ މިންގަނޑުތަކާ ޚިލާފްވާކަމަށް ފާހަގަކުރެވިއްޖެނަމަ، އެކަމުގެ ޝަކުވާ ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. މިގޮތުން ހުށަހެޅޭ އަޞްލެއް އޮތް ކޮންމެ ޝަކުވާއެއް ބެއްލެވުމަކީ، ކޮމިޝަންގެ މަސްއޫލިއްޔަތެކެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފާހަގަކުރައްވާ ގޮތުގައި، ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓުގެ ޒިންމާދާރުކަން މިނޭނޭ އެންމެ ބޮޑު އެއް މިންގަނޑަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ އެއްގޮތަށް ކޮންޓެންޓް ފޮނުވާތޯ ބެއްލެވުންކަމަށެވެ. އަދި މިހާތަނަށް ބްރޯޑްކާސްޓް ދާއިރާއާ ގުޅޭގޮތުން 468 ޝަކުވާ އެކޮމިޝަނަށް ހުށައެޅިފައިވާ ކަމަށްވެސް އެކޮމިޝަނުން ހާމަކުރައްވައެވެ.

ކޮމިޝަންގެ ރައީސް މިއަހަރުގެ ބްރޯޑްކާސްޓްކުރުމުގެ ދުވަހު ދެއްވި ޚިޠާބުގައި ވިދާޅުވި ގޮތުގައި ކޮމިޝަނަށް ހުށަހެޅުނު 468 ޝަކުވާގެ ތެރެއިން 213 ޝަކުވާއަކީ ބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓާ ގުޅުން ހުރި ޝަކުވާއެވެ. އަދި 215 ޝަކުވާއަކީ ލައިސަންސްގެ މައްސަލަތަކާ ގުޅުންހުރި ޝަކުވާއެވެ. މީގެ އިތުރުން ޚިދުމަތާއި އަދި އެހެނިހެންގެ ގޮތުގައި 40 ޝަކުވާ ހުށަހެޅިފައިވެއެވެ. ބްރޯޑްކާސްޓްކުރާ ކޮންޓެންޓާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރެއިން 29 އިން ސައްތައަކީ މީހުންގެ އަބުރާ ގުޅުންހުރި ޝަކުވާކަން ކޮމިޝަނުން ފާހަގަކުރައްވައެވެ.

ރާއްޖޭގެ ބްރޯޑްކާސްޓަރަކު، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާ ޚިލާފުވެއްޖެނަމަ، ނުވަތަ އެ ޤާނޫނުން ބާރުލިބިގެން ހަދައި ޢަމަލުކުރަމުން އަންނަ ޤަވާޢިދަކަށް، ޚާއްޞަކޮށް، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފުވެއްޖެނަމަ ހަމަ އެހެންމެ ރާއްޖޭގެ އެހެން ޤާނޫނާ ބްރޯޑްކާސްޓަރަކު ޚިލާފުވެއްޖެނަމަ، އެކަމަށް އަޅަންޖެހޭ ފިޔަވަޅު އެޅުއްވުމަކީ، ބްރޯޑްކާސްޓިންގ ކޮމިޝަންގެ މައްޗަށް މަތިކުރެވިފައިވާ މަސްއޫލިއްޔަތެކެވެ.