ތަރައްްޤީ

ބްރޯޑްކާސްޓަރުންގެ އަގު ވަޒަންކުރުމަށް ޚާއްޞަ އެވޯޑުތަކެއް ދެނީ


ކުރިއަށް އޮތް އަހަރުގެ ތެރޭގައި ބްރޯޑްކާސްޓަރުންގެ މަސައްކަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ތަފާތު އެވޯޑުތަކެއް ތަޢާރަފުކުރައްވަން ނިންމާފައިވާކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ދިވެހިރާއްޖޭގެ މިއަހަރުގެ ބްރޯޑްކާސްޓްކުރުމުގެ ދުވަހުގެ މުނާސަބަތުގައި އެ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ދެއްވި ޚިޠާބުގައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ހާމާކުރެއްވި ގޮތުގައި، ބްރޯޑްކާސްޓަރުންގެ މަސައްކަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ތަފާތު އެވޯޑުތަކެއް ތަޢާރަފުކުރައްވަން ނިންމެވީ، މި ދާއިރާގެ ދުޅަހެޔޮ، ވާދަވެރިކަން އިތުރުކުރައްވައި، ޚިދުމަތުގެ ފެންވަރު މަތިކުރެއްވުންކަމަށެވެ. އަދި މި އެވޯޑްގެ ސަބަބުން ބްރޯޑްކާސްޓަރުންގެ އުފެއްދުންތެރިކަން އިތުރުވެގެން ދާނެކަމުގެ އުންމީދު  ބްރޯޑްކާސްޓިންގ ކޮމިޝަނުން ފާހަގަކުރައްވައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވަނީ ބްރޯޑްކާސްޓްކުރުމުގައި، ޢާންމު މަޞްލަޙަތަށް އިސްކަން ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

"މި ޤައުމުގެ ދީނީ ވަޙްދަތާއި އިންސާނީ ކަރާމާތް ރައްކާތެރިކުރުމާއި ޤައުމިއްޔަތު ދިރުވުމާއި ދެމެހެއްޓެނިވި ގޮތެއްގައި މި ކަންކަން އާލާކުރުމަށްޓަކައި އަދާކުރެވޭނެ ދައުރާމެދު ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންވެސް ސަމާލުވުމަށް އަޅުގަނޑު ދަންނަވަން. ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ޢާންމު މަސްލަޙަތަށް އިސްކަންދީގެން، ޢާންމުންގެ ވިސްނުމާ ޚިޔާލާއި އަޑު އިއްވާލުމުގެ ފުރުސަތު ލިއްބައިދޭ ދާއިރާއަކަށް ހެދުމަށް މިހާރަށް ވުރެ ވެސް އިތުރަށް މަސައްކަތްކުރުމަށް އަޒުމް ކަނޑައެޅުމަށް ވެސް މިފުރުސަތުގައި އަޅުގަނޑު އިލްތިމާސް ދަންނަވަން." ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވިދާޅުވިއެވެ.

ރާއްޖޭގެ ބްރޮޑްކާސްޓްކުރުމުގެ ދުވަހުގެ ޚިޠާބުގައި އެންމެ އިސްކަމެއް ދެއްވާފައިވާ އެއްކަމަކީ، މިދާއިރާއަށް މީހުން ބިނާކުރެއްވުމުގެ މައްޗަށެވެ. މިކަމަށްޓަކައި ބްރޯޑްކާސްޓިންގ ކޮމިޝަނުން އިސްނަންގަވައިގެން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި މި ދާއިރާއަށް އަހުލުވެރިކުރުވުމުގެ ކާމިޔާބު ޕްރޮގްރާމްތަކެއް ވޭތުވެދިޔަ އަހަރު ހިންގަވާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. މި ފަދަ އިތުރު ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގެވުމަށް ތައްޔާރުވެވަޑައިގަންނަވާކަންވެސް ހާމަކުރެއްވިއެވެ.

"ކަމެއް ކުރިއަރައި ދިއުމަށް ލޯހުޅުވޭ، ކަމަށް ޤާބިލް ޒިންމާދާރު ބައެއްގެ ޚިދުމަތާއި ހިތްވަރު ބޭނުންވޭ. ހިތާމައާއެކު ދަންނަވަން ޖެހެނީ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ކުރިއެރުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ އެކަށީގެންވާ ވަރަށް ފަންނީ ތަޖުރިބާ ހުރި މީހުން ޙަރަކާތްތެރި ވަމުން ނުދާކަން. އެހެންކަމުން، ކޮމިޝަނުގެ ފުރަތަމަ ދައުރެކޭ އެއްގޮތަށް މި ދައުރުގައި ވެސް އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތަކީ ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މީހުން ބިނާކުރުމުގެ މަސައްކަތް." ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވިދާޅުވިއެވެ.

ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންވާ ފަންނީ ފަންނީ މީހުން ބިނާކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ޕަބްލިކް ސަރވިސް މީޑިއާއާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާ ދެމެދު އެކަށައަޅައިފައިވާ އެއްބަސްވުމުގެ ދަށުންވެސް ތަމްރީނު ލިބިފައިވާ، ޒިންމާދާރު ބްރޯޑްކާސްޓަރުން އުފެއްދުމާއި ބްރޯޑްކާސްޓް ދާއިރާގައި މަސައްކަތްކުރާ އަދި އެ ދާއިރާއަށް ވަންނަން އެދޭ ފަރާތްތަކަށް، ކުރު އަދި ދިގު މުއްދަތުގެ ކޯސްތަކުގައި ބައިވެރިވެވޭނޭ ފުރުޞަތު ތަނަވަސްކުރައްވާނެކަމަށް މުޙައްމަދު ޝަހީބު ވިދާޅުވިއެވެ.