ޚަބަރު

އައު ކައުންސިލަރުން ހުވައިކުރުން ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި


  • ހުވައިކުރެއްވުމާއި އިޤްރާރުގައި ސޮއިކުރުން އޮންނާނީ މެއިމަހުގެ 17ވަނަ ދުވަހު

  • ހުވައިކޮށް ނިމުމާއެކު ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބާއްވައި ނައިބު ރައީސުން ހޮވާނެ

ލޯކަލް ކައުންސިލް އިންތިޚާބުގައި އެކި ދާއިރާތަކަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރުގައި ސޮއިކުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތީރިޓީން ހާމަކުރައްވައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އިންތިޚާބު ކުރެވުނު ކައުންސިލަރުން މަޤާމުގެ ހުވާކުރެއްވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއިމަހުގެ 17 ވަނަ ދުވަހުއެވެ.

އަލަށް އިންތިޚާބުވި ހުރިހާ މެންބަރުން ހުވާކުރައްވައި އިޤުރާރުގައި ސޮއިކުރައްވައި ނިމުމާއެކު، ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބޭއްވުމަށް ނިންމާފައިވާ ކަމަށާއި މި ބައްދަލުވުމުގައި ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް އެލްޖީއޭޭއިން ވިދާޅުވެއެވެ. މިއީ އައު ދައުރުގެ މަސައްކަތްތައް ރަސްމީކޮށް ފެށުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންވެސް އިޤުރާރުގައި ސޮއިކުރެއްވުމަށްފަހު، އެ ކޮމިޓީތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށްވެސް އެލްޖީއޭއިން ވިދާޅުވެއެވ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަކީ، އެ ކޮމިޓީ ހިންގުމުގެ އެންމެ އިސް ފަރާތުގެ ގޮތުގައި ފުލްޓައިމް މަޤާމެކެވެ.

މިބަދަލާއެކު ކޮމިޓީތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ރަށު ފެންވަރުގައި އަންހެނުންގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާވެގެން ދާނެ ކަމަށް ބެލެވޭކަމަށް އެލްޖީއޭއިންވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތަށްފަހު މަސައްކަތް ފަށާ އައު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރެވޭ މި މަސައްކަތަކީ، ދިވެހިރާއްޖޭގެ ލޯކަލް ގަވަރމަންޓް ހިންގުމުގެ ނިޒާމުގެ މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމަށް އެލްޖީއޭއިންވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ފުރަތަމަ އިންތިޚާބު ކުރެވުނު ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ 2011 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އެއަށްފަހު ކޮންމެ ދައުރެއް ފެށޭއިރު މިފަދަ ރަސްމިއްޔާތެއް ބޭއްވުމަކީ ޤާނޫނީ ގޮތުން ލާޒިމު ކަމެކެވެ.