ޚަބަރު

މިނިވަންކަމާއެކު އިހްތިރާމް ހޯދައި އަދި ދޭންވެސް އެނގެންޖެހޭ: ވަޒީރު ސަޢީދު


  • ނޫސްތަކުގައިވެސް ލިޔެވެން ޖެހޭނީ ޒިންމާދާރުކަމާއެކުކަމަށް ޤަބޫލްކުރައްވާކަމަށް ވިދާޅުވި

  • ޚަބަރު ލިޔާ ފަރާތާ އެއްމިންވަރަށް އެޚަބަރު ނިސްބަތްވާ މީހާގެވެސް ހައްގު އޮންނަކަމަށް ވިދާޅުވި

މިނިވަންކަމާއެކުގައިވެސް އިހްތިރާމް ހޯދަންވެސް އަދި ދޭންވެސް އެނގެންޖެހޭކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރާ ގުޅޭގޮތުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އެބައޮތްކަމަށެވެ. ނޫސްތަކުގައިވެސް ބޭނުން ވާހަކައެއް ބޭނުން އެއްޗެއް ލިޔަމުން ގެންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ނޫސްތަކުގައިވެސް ލިޔެވެން ޖެހޭނީ ޒިންމާދާރުކަމާއެކުކަމަށް ޤަބޫލްކުރައްވާކަމަށެވެ. އަދި ޚަބަރު ލިޔާ ފަރާތުގެ ޙައްގު އޮންނަ ފަދައިން އެމިންވަރަށް އެޚަބަރު ނިސްބަތްވާ މީހެއްގެވެސް ހައްގު އޮންނަކަން ޤަބޫލްކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

"ރައީސްއާއި ރައީސްގެ އާއިލާއަށް އަމާޒުކޮށް ބައެއް ނޫސްތަކުން ނަން ނޭނގޭގޮތަށް ލިޔާ މީހާ ނޭނގޭ ގޮތަށް އެދައްކާ ވާހަކަ ކުށްވެރިކުރަން. އަޅުގަނޑު ޤަބޫލެއް ނުކުރަން އެމިންގަނޑަށް ރާއްޖޭގެ ނޫސްވެރިން ވެއްޓެން ޖެހޭނެކަމަކަށް" ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވާއިރު މިނިވަންކަމާއެކުގައިވެސް އިޙްތިރާމް ހޯދަންވެސް އަދި ދޭންވެސް އެނގެންޖެހޭކަމަށެވެ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި ފިލާތިބެ އަނެއް މީހާގެ އަބުރު ކަތިލުމަށް ޖާގަނުލިބޭކަމަށް ވިދާޅުވެ މީހާގެ އަބުރު ކަތިލައި އަދި އެ އާއިލާތަކަށް މަގުމައްޗައް ނުކުމެ އުޅުން ދަތިވުމަކީ އެއީ މިނިވަންކަންކަމަށް ޤަބޫލްކުރެވޭނަމަ މުޖްތަމަޢު މިއޮތީ ކިހާ ހިސާބެއްގައިތޯ ވިސްނާލަން ޖެހޭ ކަމަށެވެ.

ވަޒީރު ސައީދު ވިދާޅުވީ އިޖްތިމާޢީ އިޤްތިޞާދީ އަދި އުމްރާނީ ނުވަތަ ޖުމްލަ މައްސަލައެއް ނަމަވެސް އެމައްސަލައަކަށް އެޑްރެސް ކުރެވޭނެ ޖާގަ ރާއްޖޭގައި އެބައޮތްކަމަށެވެ. ވަޒީރު ވިދާޅުވީ ނޫސްވެރިކަން ނުވަތަ ޚިޔާލުފާޅުކުރުމުގެ ކޮންމެ ޕްލެޓްފޯމަކީވެސް ތަރައްޤީގެ އެއްބައިކަމަށެވެ.

ވަޒީރު ސަޢީދުވަނީ ބައެއް އެއްވުންތަކުގައިވެސް އަޚްލާގީ މިންގަނޑު ގެންގުޅޭގޮތް ކުށްވެރިކުރައްވާފައެވެ.