ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 185 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި


  • މީގެ ތެރޭގައި މަސްތުވާތަކެތި ހުރި 4690 ރަބަރު ޕެކެޓް ހިމެނޭ

  • 2768 ސެލޯފިންކޮޅާއި ފިލްމުހުސްކުރި 335 ދަޅު ހިމެނޭ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފިއެވެ.

މި އެޕްރީލް މަހުގެ 27 ވަނަ ދުވަހު ދޫނިދޫގައި ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ހުރި 4690 ރަބަރު ޕެކެޓާއި 2768 ސެލޯފިންކޮޅާއި ފިލްމުހުސްކުރި 335 ދަޅާއި، 462 ބުލެޓުގެ އިތުރުން 3437 މަނާ ބޭސްގުޅައެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 1809 އައިޓަމެއް ނައްތާލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންކަމަށެވެ.

މަސްތުވާތަކެތި ނައްތާލުމުގައި ނޫސްވެރިންނާއި، މި ހަރަކާތުގައި ބައިވެރިވުމަށް ނަންނޯޓުކުރުމަށް ހުޅުވާލި ފުރުސަތުގައި ނަންނޯޓުކުރި އާންމު ރައްޔިތުންވެސް ބައިވެރިވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީ ގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލައެވެ.